ޚަބަރު

ލޮނުޒިޔާރަތް ޕާކަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި


ލޮނުޒިޔާރަތް ޕާކަށް މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ. މާލެ ސިޓީ ކައުންސިލުންވަނީ ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތްކުރި ފަންސާސް ހާސް ވަނަ މީހާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތްކުރި ފަންސާސް ހާސް ވަނަ މީހާއަކީ ގ. ހިމުސް ޙައްވާ އާދަމްއެވެ. މާލެ ސިޓީ ކައުންސިލުން ޙައްވާ އާދަމާއި އޭނާގެ އާއިލާއަށް މަރުޙަބާކިޔުމުގެ ގޮތުން ތަފާތު ވައްތަރުގެ ގަސް ހަދިޔާކޮށްފައިވެއެވެ.
ލޮނުޒިޔާރަތް ޕާކު ހުޅުވިތާ މިއަދަށް އެއްމަސް ދުވަސް ވެފައިވާއިރު އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް އެތަނަށް ލިބެމުންދާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މި ޕާކު ރަސްމީކޮށް ހުޅުވާފައި ވަނީ މިއަހަރުގެ ޖުމްޙޫރި ދުވަހާ ގުޅުވައިގެން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

2.5 ހެކްޓަރުގެ މި ޕާކު ހިތްފަސޭހަ ބަގީޗާއެއްގެގޮތުގައި ތަރައްޤީކުރުމަށް ޖުމްލަ 16.8 މިލިއަން ރުފިޔާ ދަޢުލަތުން ޚަރަދުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ހުސް ވެލި ބިމެއްގެ ގޮތުގައި އޮތް ލޮނުޒިޔާރާތްކޮޅު ސަރަޙައްދު ތަރައްޤީކޮށްފައި ވަނީ އެކި ބާވަތްތަކުގެ ގަސްގަހާގެހި ހިމަނައިގެން ބަގީޗާއެއް ގޮތަށެވެ. މި ޕާކުގައި މަސް ފެންގަނޑަކާއި، އެފެންގަނޑު މަތިން ހުރަސްކުރެވޭގޮތަށް އަޅާފައިވާ ބްރިޖަކާއި، އުސްފަސްގަނޑެއްވެސް ހިމެނެއެވެ. އަދި ރާޅާ އަޅާ ޒުވާނުންނަށް ބޭނުންވާ ގާޑު ޕޯސްޓް ބޮޑުކޮށް، އަލުން ވަނީ މަރާމާތުކޮށްފައެވެ. ޕާކުގައި ހައްދާފައިވާ ގަސްތަކާއި މާމެލާމެލީގެ ސައިންޓިފިކް ނަންތަކާއި ދިވެހި ނަންވެސް އާއްމުންނަށް ފެންނާނެހެން ހަރުކޮށްފައިވެއެވެ.

ޕާކުގެ އެކި ސަރަޙައްދުތަކަށް ދީފައި ވަނީ އެކި ނަންތަކެވެ. އެގޮތުން ހޭޅި، މާމެލާމެލި، މެދު ބަގީޗާ، ކަސްރަތު ފެހި، ފާލަން އައްސޭރި، ވަރުނުލާ ރާޅު، އުސް ބަގީޗާ އަދި ފެން އާރު ހިމެނެއެވެ.