ކޯވިޑް-19 އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 329.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ސަރުކާރުން ރިކަވަރީ ލޯނު ދޫކުރަމުން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 1969 ފަރާތަކަށް 329.3 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1354 ވިޔަފާރިއަކަށް ދޫކޮށްފައިވާ 310.9 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 615 ފަރާތަކަށް ދޫކުރި 18.4 މިލިއަން ރުފިޔާ ހިމެނެއެވެ.
ކޯވިޑް-19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 563 ކަނބަލަކަށް 115.9 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ކޯވިޑް-19 އާ ގުޅިގެން އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 817 ފަރާތަކަށްވަނީ 195.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު އަދަދަކުން ލޯން ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 58.8 މިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމަށް 54.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.