ޚަބަރު

އަލަށް ޢިމާރާތްކުރާ މަސްމާރުކޭޓުގެ ޑިޒައިން މަސައްކަތް ނިމި، ބިޑް ކުރުމާއި ހަމައަށް


މާލޭގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ މަސްމާރުކޭޓު ތަރައްގީކުރުމުގެ ޕްލޭން މިހާރު އެއްކޮށްނިމި، ބިޑް ކުރުމާއި ހަމައަށް ގޮސްފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންގެ މާރުކޭޓު ސަރަހައްދުގައި މަސްވެރިންނާ ބައްދަލުކުރައްވާ ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މާލޭގެ މަސްމާރުކޭޓަކީ މިހާރު ބޭނުންކުރާތާ އެތައް ދުވަހެއްވެފައިވާ މާރުކޭޓެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މާލެ މާރުކޭޓަށް މަސް ގެނެސް ވިއްކާއިރު މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދަކީވެސް މަސްމާރުކޭޓު ސަރަހައްދެވެ. ގިނަ ބަޔަކު ބޭނުން ކުރަންޖެހުމުގެ ސަބަބުން މަސް މާރުކޭޓު ބޭނުންކުރުމުގައި ވަރަށް ގިނަ ދަތިތަކާއި މަސްވެރިންނަށް އަންނަނީ ކުރިމަތިވަމުންނެވެ. މަސްވެރިންގެ މި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް ތަފާތު އެކީ ޕްލޭންތަކުގެ ދަށުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މޭޔަރ ސިފާ ވިދާޅުވީ އަލަށް ތަރައްގީކުރާ މަސްވެރިންގެ މާރުކޭޓުގެ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޕްލޭނިންގް މިނިސްޓްރީއާ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫގެ ދަރިވަރުން ގުޅިގެންކަމަށެވެ. އަދި މިހާރު މި މަސައްކަތުގެ ތެރެއިން އެންމެ ފަހު ކަމަކަށް އޮތީ މަސްވެރިންނާއި މަޝްވަރާކުރުމަށް ފަހު، ޕްލޭންއަށް މަދުވަނީ ކޮން ކަންކަމެއްތޯ ބަލާ އެކަންކަން ފުރިހަމަ ކުރުން ކަމަށް މޭޔަރ ވިދާޅުވިއެވެ.

"އެންމެފަހު ކަމަކަށް މިއޮތީ މަސްވެރިންނާ މަޝްވަރާކޮށްގެން އެތަނުގައި ދެން މަދުވާ ބައިތަކަކީ ކޮބާތޯ ބަލާފަ އެކަން ފުރިހަމަ ކުރުން. ކޮށްފަ މިހާރު އޮތް ކައުންސިލްއަށް ވެސް ނިންމޭނެ މިކަން. އެލްޖީއޭއަށް ލިޔެގެން ޤާނޫނު އޮތްގޮތުން. އެއީ ލޭންޑް ޔޫސް ޕްލޭންގަ މާލޭގެ ތަންތަންކޮޅުގެ ލޭންޑް ޔޫސް ޕްލޭން އޮތީ ހެދިފަ. އެހެން ނަމަވެސް މަސްވެރިންގެ މާރުކޭޓަކީ ފެށުނީއްސުރެ ކުރަންޖެހޭނެ ކަމެއްގެ ވާހަކަ ދައްކަމުން އެދަނީ. އެހެން ވީމަ މީގަ ހުއްޓުމެއް އަންނަން ޖެހޭ ސަބަބެއް އޮތްކަމަކަށް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފެނޭ" ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ މާލޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ ވަރަށް ކުރީ ޒަމާނެއްގައި ބޭނުން ކުރަމުން އައި މަސް މާރުކޭޓުކަމަށާއި، އެކަމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ސަބަބުން ވަރަށް ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އަދި އަލަށް ތަރައްގީކުރާ މަސް މާރުކޭޓުގެ ސަބަބުން ތަނުގެ ދަތިކަމުގެ ސަބަބުން މަސްވެރިންގެ ފަރާތުން ލިބެމުން އަންނަ ޝަކުވާތަކަށްވެސް ހައްލު ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ސިފާ ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައިވަނީ މަސް ގަނެ ވިއްކާ ފަރާތްތަކަށް ހާއްސަ ގޮޅިތަކެއް ހަވާލުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިއީ މަސްވެރިންގެ މަސައްކަތް ފަސޭހަކޮށްދިނުމަށާއި، މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށެވެ. މަސްވެރިންނަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާކަން އިނގިވަޑައިންނަވާ ކަމަށާއި މާލޭގެ ބަނދަރު މަސްވެރިންނަށް މިހާރު ކުޑަވެފަވާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

މަސްވެރިންގެ މާރުކޭޓުގައި މަސްވިއްކާ ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި މަސްވެރިންގެ އެދުމުގެ މަތިން މަސް ގަނެވިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެންދާތީއެވެ. އެހެން ކަމުން މަސް ބާނައިގެން އައުމުން މަސް ގަނެ ވިއްކާ ފަރާތްތަކުން މަސް ގަތުމުގެ ސަބަބުން މަސް ބާނައިގެން އަންނަ މަސްވެރިން މަސް ވިއްކާ ނިމެންދެން ބަނދަރުގައި ތާށިވެފައި ތިބުމުގެ ބަދަލުގައި ދެވަނަ ފަހަރަށް މަސް ބާނަން ދިއުމުގެ ފުރުސަތު މަސްވެރިންނަށް ލިބިގެންދާނެއެވެ.

" ބޮޑު ކަންނެލި ބާނައިގެން އަންނަ ބޭބޭފުޅުން ގެންނާނީ ބޮޑެތި އެއްޗިހި. އެގޮތަށް ގެނައުމުގެ ސަބަބުން އަޅުގަނޑުމެން ގޭގައި ތިބޭ މަދު މީހުންނަށް އެމަސްކޮޅު ލިބުމުގެ ފުރުސަތު ވަރަށް ކުޑަ. ދެން އެކަމަކު އޮންނަ އުސޫލެއްގެ ތެރެއިން މަސް ކަނޑައިގެން ޕެކް ކޮށްގެން އެ ބޭފުޅަކަށް ބޭނުންވާ މިންވރެއްގެ މައްޗައް އެ ބޭފުޅަކަށް ލިބޭނެގޮތް ތަނަވަސް ކުރުމަށް މަސައްކަތް ކުރުން." މަސް ގަނެ ވިއްކާ ފާރަތަކުން ޕީއެސްއެމްއާ ހިއްސާކޮށް ވާހަކަ ދައްކަމުން ބުންޏެވެ.

މަސްވެރިންކުރާ މަސައްކަތުގެ އަގުވަޒަން ކުރާކަމަށާއި އެމީހުން ކުރާ މަސައްކަތާ އެއްވަރަށް އެމީހުންނަށް ދިމާވާ ދަތިތަކާ އުނދަގޫތަކަށް ހައްލެއް ހޯދައިދޭންޖެހޭކަމަށް މޭޔަރ ވިދާޅުވިއެވެ. މަސް ބާނައިގެން އަންނަ ގިނަ މަސް ދޯނިތަކަށް މަސް ބާނައިގެން އައިސް މާލެ ބަނދަރަށް ނުވަދެވި ވަރަށް ގިނަ އިރު މަޑުކުރަން ޖެހޭކަމަށާއި މަސް މާރުކޭޓުގައި މަސައްކަތް ކުރުމަށްވެސް ތަނުގެ ދަތިކަން ދިމާވެފައިވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މަތިމަސް ކެޔޮޅު

މަސް މާރުކޭޓެއް ޑިޒައިން ކޮށް ނިންމާއިރު ފިޝަރީޒް މިނިސްޓްރީ ގައި ތިއްބެވި ފަންނީ ގާބިލު ބޭފުޅުންގެ ޙިޔާލު ހޯދާފައިވޭބާ؟ ފެނުނު ފޮޓޯއިން ހީނުވާތީ؟