ކޯވިޑް19 އަށްފަހު ގެސްޓްހައުސްތައް ބަންދުކުރަން ޖެހުމުގެ ސަބަބުން މި ސިނާއަތް މުޅިން އަޑިއަޅާލިއެވެ. ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަދީ މަޑުމަޑުން ގެސްޓްހައުސްތައް ހުޅުވަން ފެށުމުން މި ސިނާއަތަށް ވަނީ އުންމީދު ލިބިފައެވެ. ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް އަލުން ހުޅުވާލިފަހުން ބައެއް ރަށްރަށުން ހާހަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ، ގެސްޓްހައުސް ސިނާއަތް ފުރަތަމަ ހުޅުވާލިއިރު އުނދަގޫތަކަކާއި ކުރިމަތިލާންޖެހުނުކަމަށެވެ. ނަމަވެސް ވިޔަފާރިތަކުންވެސް މަޑުމަޑުން ގައިޑްލައިންގައި ހުރި ކަންތައްތަކަށް އަހުލުވެރިވަމުން އައިސް މިހާރު ވަރަށް ފަރިތަކަމާއިއެކީ ގައިޑްލައިންތަކަށް ހުރިހާ ވިޔަފާރިތަކުންވެސް އަމަލުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޒާން ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވާލި ބައެއް ރަށްރަށަށް ހާހަކަށްވުރެ ގިނަ ފަތުރުވެރިން މިހާރު އައިސްފައިވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި ބައެއް ރަށްރަށަށް 800 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކުރެވޭކަމަށާއި މިއީ ބައެއް ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓްއާއި އަޅާބަލާއިރު ބޮޑުތަނުން އިތުރު އަދަދެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ރަށްރަށް އެބަހުރި ހާހަކަށްވުރެ ގިނަ ފަތުރުވެރިންނަށް މަރުޙަބާކީ ތަންތަން. ޑިސެމްބަރ މަހުގައި މާފުށި ކަހަލަ ރަށްރަށުގައި އެބޭފުޅުން އެބަ އަންދާޒާ ކުރައްވައި 800 ނުވަތަ 900 ފަތުރުވެރިން ރަށުގައި ތިބޭނެކަމަށް. މިއީ މި ސަރަހައްދުގެ ގިނަ ރިސޯޓްތަކުގައިވެސް ނުތިބޭނެ ވަރުގެ އަދަދުތަކެއް. އެހެންވީމަ ޕޮޒިޓިވްވާ އަދަދު ވަރަށް ދަށްކުރެވިފަ މިހިރީ ހަމަ. އެއްވެސް ވަރަކަށް މުވައްޒަފުންނަށް ނުވަތަ އާންމުންނަށް މިކަމުގެ ނުރައްކަލެއް އޮތްތަނެއް ނުފެނޭ." ޢަލީ ރައްޒާން ވިދާޅުވިއެވެ.
ގެސްޓްހައުސްތަކުގެ ބުކިންތައް މަޑުމަޑުން އިތުރުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރ އިބްރާހިމް ޝިފާއު ވިދާޅުވީ، 15 އޮކްޓޯބަރ ގައި ގެސްޓްހައުސްތައް ހުޅުވިއިރު އެހާގިނަ ބުކިންތަކެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް މިމަހުގެ ފަހުކޮޅާއި އަންނަ އަހަރުގެ ކުރީކޮޅަށް މިހާރު ބުކިންތައް ލިބެމުންއަންނަކަމަށެވެ.
" 15 އޮކްޓޯބަރ ގައި ފުރަތަމަ ހުޅުވިއިރި އެހާބައިވަރު ބުކިންއެއްނެތް. ކުރިން ހުޅުވަން މަސައްކަތްކުރި ދެތިން ތާރީހެއް ދިޔަ. އެތާރީހަށް ނުހުޅުވި ދިޔައީ. އެހެންވީމަ މާކެޓިން މަސައްކަތްވެސް ފަށައިނުގަނެވި ގިނަ ފަރާތްތަކުން ތިބީ އެހެންވީމަ ސީދާ ދުވަހެއް ޔަޤީންނުވާތީ ގިނަ ގެސްޓްހައުސްތައް ތައްޔާރުވެފައެއްވެސް ނޫންތިބީ. 15 އޮކްޓޯބަރ ގައި ހުޅުވައިގެން ކުރިއަށްދާއިރުގައި އަޅުގަނޑުމެންނަށް ވަރަށް އުންމީދީ މަންޒަރެއް މިފެންނަނީ. އެއީހަމަ މަޑުމަޑުން މަޑުމަޑުން ހުޅުވާފަހުރި ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އެބަ ރަނގަޅުވޭ. އަޅުގަނޑުމެންނަށް އެންމެ ފަހުން ޙަބަރު ލިބޭ ގޮތުގައި ވިއްޔާ ޑިސެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ޖެނުއަރީ ފެބްރުއަރީ މަހަށްވެސް ހަމަ ބުކިން އަންނަމުންދަނީ." އިބްރާހިމް ޝިފާއު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ 9 އަތޮޅެއްގެ 139 ގެސްޓްހައުސްއެއް މިހާރު ހުޅުވާފައިވާކަމަށެވެ. އެނދުގެ އަދަދަށް ބަލާއިރު 2600 އަށްވުރެ ގިނަ އެނދު މިހާރު އޮޕަރޭޝަންގައި އެބަހުއްޓެވެ. މިމަހުގެ 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ. މާލެ ސަރަހައްދުން ގެސްޓްހައުސްތައް ހުޅުވުމުން 5000 އާއި ގާތްކުރާ އަދަދަކަށް ބެޑްސް ހުޅުވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.