ހުއިފިލަނޑާގެ މަސްވެރިކަންކުރުމަށް ޚާއްސަ ލައިސަންސް ދޫކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ މިނިސްޓްރީން ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައެވެ.
ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ތައްޔާރުކުރަމުންދާއިރު، މިއީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޕްލޭންތަކެކެވެ.
މި ޕްލޭންގައިވާ ގޮތުން ހުއިފިލަނޑާގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ލައިސަންސެއް ދޫކުރެވޭނެއެވެ. އެއާއެކު މަސްވެރިކަމުގެ ތަފާސް ހިސާބުތައް ބެލެހެއްޓި، މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެއެވެ.
މިނިސްޓްރީން ވިދާޅުވީ ލައިސަންސް ދޫކުރުމުގެ ނިޒާމުގެ މައިގަނޑު މަޤްސަދަކީ ހުއިފިލަނޑާ މަސްވެރިކަމުގެ އުފެއްދުންތަކަކީ ހަރުދަނާ ނިޒާމެއްގެ ދަށުން ތައްޔާރުކުރާ އުފެއްދުންތަކެއްކަން ކަށަވަރުކުރުންކަމުގައެވެ. މިނިސްޓްރީން ދެކެނީ މި ނިޒާމަކީ މަސްވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.
މެނޭޖްމަންޓް ޕްލޭނާއެކު ރާއްޖެއިން އެކްސްޕޯޓު ކުރާ ކޮންމެ ޝިޕްމަންޓަކާއެކު މިނިސްޓްރީން ދޫކުރާ "ކެޗް ސެޓްފިކެޓް" އޮތުން ލާޒިމުކުރެވިގެންދާނެއެވެ. އަދި މި ނިޒާމު މެދުވެރިކޮށް ހުއިފިލަނޑާ ނެގި އުޅަނދުގެ މަޢުލޫމާތާއި، ނެގި ތާރީޚު އަދި ހުއިފިލަނޑާ ޕްރޮސެސްކުރި ފަރާތުގެ މަޢުލޫމާތު އެއްކުރެވިގެންދާނެއެވެ.
މިނިސްޓްރީން ވިދާޅުވީ މި ޕްލޭންގެ ދަށުން މަސްވެރިކަމުގައި ހިފާ މަހުގެ އާބާދީއަށް އަންނަމުންދާ ބަދަލުތައް ދެނެގަނެވިގެންދާނެކަމަށެވެ. އަދި މަސްވެރިކަން ކުރަމުންދަނީ އާބާދީއަށް ގެއްލުންނުވާ މިންވަރަށް ދެމެހެއްޓެނިވި މިންވަރެއްގައިކަން ކަށަވަރުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މެނޭޖްމަންޓް ޕްލޭނާއެކު ވައިފުޅިއަޅައިގެން ހުއިފިލަނޑާގެ މަސްވެރިކަންކުރުން މަނާކޮށް އެކަށީގެންވާ ގޮތެއްގައި އެކަން ތަންފީޛު ކުރެވިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިނިންމުމާއެކު ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމުން ހުއިފިލަނޑާގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެއެވެ.
ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި ކުރަން ފަށާފައިވަނީ 1985 ވަނަ އަހަރުގައެވެ. 2017 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން 1200 އެއްހާ މަސްވެރިން ހުއިފިލަނޑާ ނެގުމުގެ މަސްވެރިކަމުގައި ޝާމިލުވެއެވެ. ދިވެހިރާއްޖޭގައި މިހާތަނަށް 27 ބާވަތެއްގެ ހުއިފިލަނޑާ ރިކޯޑުކުރެވިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މީގެތެރެއިން ޢާއްމުކޮށް މަސްވެރިކަމުގައި ނަގާއުޅެނީ 15 ބާވަތެއްގެ ހުއިފިލަނޑާއެވެ.