ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ތަޙްޤީޤީ ނޫސްވެރިކަމަކަމާ ދިމާލަށް ނޫސްވެރިން މިސްރާބުޖަހަންޖެހޭކަމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުގެ ރައީސް ޤާސިމް ޢަބްދުލްކަރީމް ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް ޤާސިމް ޢަބްދުލްކަރީމްވަނީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ހިމެނޭ ފަތުރުވެރިކަމުގެ ސިނާއަތާއި ދިވެހި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި ގުޅޭގޮތުން ތަޙްޤީޤީ ރިޕޯޓާއި ޚަބަރުތައް ގެނެސްދިނުމަށް ނޫސްވެރިންނަށް ގޮވާލައްވާފައެވެ.
އެންއައިސީގެ ރައީސް ވިދާޅުވީ ޑިމޮކްރަސީއާއެކު ރާއްޖެއަށް މިހާރު ލިބިފައިވާ މިނިވަން ނޫސްވެރިކަމުގެ ޙައްޤުގެ ތެރެއިން ސައްޙަ ނޫން މަޢުލޫމާތު އެކިގޮތްގޮތަށް ދައުރު ވަމުން އަންނަ ކަމަށެވެ. އަދި ދިވެހި ބަހާއި ދިވެހި މުޖްތަމަޢުގެ އިހްސާސްތައް ނުދަނެ މިފަދަ މަޢުލޫމާތު ދައުރު ކުރުމަކީ އެކަން ހުއްޓުވުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމެއް ކަމަށެވެ.
ޤާސިމްވަނީ ދިވެހި ރާއްޖޭގެ ނޫސްވެރިންނަށް މިނިވަން ނޫސްވެރިކަމުގެ ޙައްޤު ލިބިގެން އައިގޮތާއި މި ހައްގު ހޯއްދަވައިދެއްވުމުގައި މަސައްކަތް ކުރެއްވި މީހުންނާއި އެކަމުގެ މައުލޫމާތު ކުރިޔަށް އޮތް ޖީލުތަކަށް ގެނެސްދިނުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ނޫސްވެރިން ޒިންމާދާރުކަމާއެކު ކުރާ މަސައްކަތުގެ ސަބަބުން ގިނަ އިދާރާތަކެއް ކުރިޔަށްވުރެ ޒިންމާދާރުވެފައިވާކަންވެސް ޤާސިމްވަނީ ފާހަގަކުރެއްވިއެވެ.
" އަލަށް ނޫސްވެރިންކަމަށް ނުކުންނަ ޒުވާނުން މިދާއިރާއިން ކުރިއަށް ދިޔުމަށް ނޫސްވެރިކަމުގެ ރޮނގުން ކުރިއަރާފައިވާ ފަރާތްތަކުގެ ލިޔުންތަކާއި ރިސާޗްތަކާއި ތީސީސް ފަދަ ތަކެތި ކިޔައިގެން މައުލޫމާތު ހޯދުމަކީ ވަރަށް މުހިއްމުކަމެއް." ޤާސިމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައިސް ހިދާޔަތުﷲ ވިދާޅުވީ ކޯވިޑް-19ގެ ދަނޑިވަޅުގައި ޤައުމު އެންމެ ބޮޑަށް ނޫސްވެރިންނަށް ބޭނުންވި ވަގުތު އެންމެ ފުރިހަމަ ޚިދުމަތެއް ޤައުމަށްޓަކައި ކުރިއެއްބަޔަކީ ނޫސްވެރިންކަމަށެވެ. އަދި އެކަމަށްޓަކައި ޤައުމު އަބަދުވެސް ނޫސްވެރިންނާމެދު ފަޚުރުވެރިވާނެކަމަށާއި ޝުކުރުވެރި ހިތަކުން ބަލައިގަންނާނެކަމަށެވެ.
"ލިބިފައިވާ އެންމެ ހަނި ފުރުސަތުގައިވެސް ނޫސްވެރިޔާގެ ވާޖިބު އަދާކުރޭ. ނޫސްވެރިން އަންނަނީ ކީބޯޑުން ވަރޗުއަލްކޮށް އަދި ކީއްތޯ ގޭގެ ސިޓިންގރޫމުގައިވެސް މަސައްކަތްކުރުމަށް މިއަދު ފަހަކަށްނުޖެހޭ" ހިދާޔަތުﷲ ވިދާޅުވިއެވެ.
އެމްއެމްސީގެ ނޫސްވެރިންގެ އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ މިންގަނޑާއި އުސޫލާއި އެތިކަލް ކޯޑާއެއްގޮތަށް މަސައްކަތްކުރާ ނޫސްވެރިންގެ އަގު ވަޒަންކުރުމަށް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.
ކޯވިޑް-19އާއި ގުޅިގެން ގިނަ ކަންކަން ހުއްޓިފައިވީނަމަވެސް ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޙަފްލާ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ މިފަދަ ދަނޑިވަޅެއްގައިވެސް ނޫސްވެރިން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުންކަމަށް އެމްއެމްސީން ވިދާޅުވެއެވެ. މިފަހަރުގެ އެވޯޑަށް 11 ކެޓަގަރީއަކުން 19 ދާއިރާއަކުން 54 ނޫސްވެރިއަކު ކުރިމަތިލާފައިކަމަށް އެމްއެމްސީން ވިދާޅުވެއެވެ.