ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބައިވެރިވާ މީޑިއާތަކާއެކު ސޮއިކޮށްފި


  • 16 މީޑިއާއަކުން ވަނީ ބައިވެރިވެފައި

  • މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް މިހާރު ވަނީ ހުޅުވާލާފައި

  • ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ވަނީ ނިންމާފައި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބައިވެރިވާ މީޑިއާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ހިންގާ ޤައުމީ ކެމްޕޭނެކެވެ.

މި މަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވާނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްއެވެ.

މި ރަސްމިއްޔާތުގައި ވަނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕީއެސްއެމްއާ ދެމެދު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ހީނާ ވަލީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި މަޝްރޫޢަކީ ސަރުކާރުން ވަރަށް މާތް މަޤުޞަދެއްގައި ހިންގާ މަޝްރޫޢެއްކަމަށެވެ. މި މަޝްރޫޢު ހިންގުމުގައި އެ ވުޒާރާ އިސްކޮށް ހަރަކާތްތެރިވި ނަމަވެސް މިއީ ސަރުކާރުގެ ވުޒާރާތަކާ ކުންފުނިތަކުގެ އިތުރުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުމާއެކު ހިންގޭ ޤައުމީ ހަރަކާތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ދިވެހީންގެ ރީތި ސިފަތައް ދިރުވާ އާލާކުރުމަށް ހިންގޭ މި ޤައުމީ ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި މީޑިއާގެ ދައުރު މުހިންމުވާނެކަމަށެވެ.

"މި މަޝްރޫޢަކީ ދާއިމީގޮތެއްގައި ރާއްޖޭގައި އަޅުގަނޑުމެންގެ ޒުވާނުންނަށް، ކުޑަކުދިންނަށް، މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަށް ހިންގަންޖެހޭ މަޝްރޫޢެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އެހެންކަމުން މި މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢަކަށް ހެދުމަށްޓަކާ ހުރިހާ ފަރާތްތަކެއްގެވެސް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ. އެންމެ މުހިންމު އެއް ފަރާތެއްކަމަށް މި ދެކެނީ މީޑީއާގެ ފަރާތްތައް. އެހެންކަމުން ތިބޭފުޅުން މި މަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކާ، މި މަޝްރޫޢުގެ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކާ އަޅުގަނޑުމެންނާއެކީ ބައިވެރިވާކަމީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށް ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ތާރީޚުގެ ތެރެއިން ދިވެހިރާއްޖެ ފާހަގަކުރެވިފައިވަނީ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމަށްވުރެ ބޮޑަށް ދިވެހީންގެ ހިތްހެޔޮކަމާއި މެހެމާންދާރީގެ ފުރިހަމަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުންފަދަ ރިވެތި ސިފަތަކުންކަމަށެވެ.

އެހެންކަމުން މި ރިވެތި އާދަތައް މިހާރުގެ ޖީލަށާއި އަންނަންއޮތް ޖީލަށް ފޯރުކޮށްދިނުމަކީ މިހާރު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ޝަކީބް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ދިވެހިން ދިވެހީންނަށް މިވަނީ ދިވެހިންނަކީ މީހުންނަށް އިޙްތިރާމްކުރާ، ޤަދަރުކުރާ، ސާދާ ދިރިއުޅުމެއް އުޅޭ ބަޔަކަށްވީތީ. އެކަން އަޅުގަނޑުމެންގެ ކިބައިން އުނިވެގެންގޮސް، މުޅިން އެހެން ސިފައަކަށް ކަންތައްތައް އަތުވެއްޖެހިނދު، އަޅުގަނޑު ހިތުން މާކުރިން ފެށިގެންވެސް ފަށަންވެއްޖެކަމެއް މިހާރު މި ފެށެނީ. އަޅުގަނޑުމެންގެ ތެރޭގައި އިޙްތިރާމްކުރުމުގެ ރީތި އާދާ، އަޅުގަނޑުމެން ދިވެހިވަންތަކަން ހަޤީޤަތުގައި އަނބުރާ ގެނައުމުގެ މަޝްރޫޢެއްގެ ގޮތުގައި އަޅުގަނޑު މިކަން ސިފަކުރަނީ." އެމްޑީ ޝަކީބް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ފަރާތުން ވަނީ ޕީއެސްއެމްގެ އިތުރުން މި މަޝްރޫޢުގައި ބައިވެރިވާ އިތުރު 16 މީޑިއާއަކާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް ސަގާފަތާބެހޭ ވުޒާރާއިން މިހާރު ވަނީ ހުޅުވާލާފައެވެ. އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ލޯގޯ ފަރުމާކޮށް ހުށަހެޅޭނެއެވެ. ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ. އެއްވަނަ ލޯގޯއަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ފަންނާއި ސަގާފަތާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރުމަށް ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެވުމަށާއި އެ ކޮމިޓީގައި ވުޒާރާތަކުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހިމެނުއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.