ޚަބަރު

ބާސެލޯނާ މެޗުން ޔުވެންޓަސްއަށް ގެއްލޭނެ އެއްޗެއް ނެތް - ޕިރްލޯ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސްއަށް ގެއްލޭނެ އެއްޗެއް ނެތްކަމަށް އެޓީމުގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ޕިރްލޯ ބުނީ ބާސެލޯނާއޮތީ މައްސަލަ ގަނޑެއްގެ ތެރޭގައި ކަމަށް އޭނާ ގަބޫލް ނުކުރާކަމަށާއި ޓީމުގެ ނަތީޖާއިން އެކަން ނުފެންނަކަމަށެވެ. އާކޯޗާއެކު އާ ރޭވުންތަކާއެކު އެޓީމު ފެންނަނީ އިތުރަށް ވަރުގަދަކޮށް ކަމަށް ޕިރްލޯ ފާހަގަކުރިއެވެ. އޭނާ ބުނީ ޔުވެންޓަސް ފުރިހަމަ ބާރާކާއެކު ނުކުތްކަމުގައި ވިޔަސް ބާސެލޯނާ މެޗު ފައްސޭހާ ނުވާނެކަމަށާއި އެކަން އޭނާގެ ކުޅުންތެރިންވެސް ގަބޫލްކުރަން ޖެހޭނެއެވެ. މިމެޗާ ހަމަޔަށް އައިރު މުބާރާތުގެ 2ވަނަބުރު ޔަގީންވެފަ އޮތުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި ބާސެލޯނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ހެދި ގޯސްތައް މިމެޗުގައި ތަކުރާރު ނުކުރާނެކަމަށް ޕިރްލޯ ބުންޏެވެ. މެޗުން ގެއްލިގެން ދާނެ އެއްޗެއް ނެތުމުން ޔުވެންޓަސް ނުކުންނާނީ އޯޕަން ގޭމެއް ކުޅެ މޮޅުވާންކަމަށްވެސް ޕިރްލޯ ބުންޏެވެ. މެޗު ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ނިންމާލުމަކީ މިވަގުތު ވިސްނުން ހުރި ގޮތްކަމަށާއި ޔުވެންޓަސްއަށް ތަޖުރިބާއައެކު އެކަން ކުރެވޭނެކަމަށް ޕިރްލޯ ބުންޏެވެ.

މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ އެންމެ މޮޅީ މެސީ ނުވަތަ ރޯނާލްޑޯ ބެލުން މުހިންމު ނޫންކަމަށާއި އެއީ ރަނގަޅުގޮތެއް ނޫންކަމަށްވެސް ބުނެފައެވެ. މި ވާހަކަތަކަށް ޕިރްލޯ ވެސް ވަނީ ތައީދުކޮށްފައެވެ. ޕިރްލޯ ބުނީ އެންމެ މޮޅީ ކާކުތޯ ބެލުން އެއީ އިންސާފުވެރި ކަމެއް ނޫންކަމަށާއި ވޭތުވެދިޔަ 15 އަހަރު ދެ ކުޅުންތެރިން ވަނީ އެހެން ކުޅުންތެރިންނާ ތަފާތުވާ ސަބަބުތައް ސާބިތުކޮށްދީފަކަމަށް ޕިރްލޯ ބުންޏެވެ. މިއީ ރެއާލް މެޑްރިޑް ދޫކޮށް ރޯނާލްޑޯ ދިޔަފަހުން މެސީއާ ދެކޮޅަށް ނުކުންނަ ފުރަތަމަ ފަހަރެވެ.