ޚަބަރު

މެމްބަރުންނަށް ލިބޭ މުސާރައާއި ޢިނާޔަތަކީ އެކަށީގެންވާ މިންވަރެއް - ރައީސް ނަޝީދު


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބޭނީ އެކަށީގެންވާ މިންވަރެއްކަމަށް ގަބޫލުކުރައްވާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިއަށްގެންދަވާ "އާސްކް ސްޕީކަރ"ގެ 2 ވަނަ ޕްރޮގްރާމްގައި މަޖިލިސް 19ގައި ވަޢުދުވިގޮތަށް މެންބަރުންގެ މުސާރައާއި އިނާޔަތް ކުޑަނުކުރަނީ ކީއްވެގެންތޯ އާންމުންގެ މީހަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެހެން މަޖިލިސްތަކާ އަޅާބަލާއިރު 19ވަނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތު މަޖިލީހެއްކަން މަޖިލީހުގެ މަސައްކަތްތައް ބަލާ މީހުންނަށް ފެނިގެންދާނެކަމަށެވެ.

ދާދިފަހުން މަޖިލީހުން ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުފަދަ މަސައްކަތްތަކަކީ ކޮންމެހެން ބޭނުންވެފައިވާ މުހިންމު މަސައްކަތްތަކެއްކަމަށާ، މަޖިލީހުން ފާސްކުރާ ބިލްތަކަކީ ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ ނުހަނު ބޮޑަށް ކުރާނޭހެން ވިސްނުންތެރިކަމާއެކު ކުރާ މަސައްކަތްތަކެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެންވެސް މެންބަރުންނާއި މަޖިލިސް ރައީސްގެ މުސާރަވެސް ކުޑަކުރިކަމަށެވެ. އެހެން ގޮތްގޮތުން ބަލާއިރު މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް އެމެންބަރުން ކުރައްވާ މައްސަކަތްތަކާ އަޅާބަލާއިރު މިހާރު ރަނގަޅުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު 1999ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވަންއިރު މުސާރައަކީ 2500 ރުފިޔާ. ދެން އޭގެކުރީގައި ރަނގަޅަށްވެއްޖެއްޔާ އެކައްޗެއްވެސް ނުދޭކަންނޭނެގެ. ސައެއް އެކަނިކަންނޭނގެ ދެނީ. ފަހުން އައިސް މިފެނުނީ ދަޢުލަތުގެ މުއައްސަސާއަކަށް މިތަންވެ މިތަނުގައި ތިބޭ މީހުންނަކީ، ޤަދަރާއި ހައިބަތާއި އިތްޒަތާއި އަދި ވިސްނުންތެރިކަމާއި ބުއްދިވެރިކަމާއި އިޙްލާސްތެރިކަމާއި މިކަންކަން ހުރެގެން ރައްޔިތުންގެ މަސައްކަތްކޮށްދޭނެ ބައެއްގެ ގޮތުގައި. ދެން އެފަދަ ބަޔަކަށްދޭނީ ކޮންފަދަ އެއްޗެއްތޯ މިއަހަނީ. އަޅުގަނޑު ހިތުން އެކަށީގެންވާ އެއްޗެއްކަންނޭނގެ މިދެވެނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް މަތިވެފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިތުރު މަސައްކަތަކެއް އަދިވެސް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާކަމަށެވެ. އެގޮތުން ސަރުކާރުންކުރައްވާ ކަންކަން މަޖިީހަށް އަމިއްލައަށް އެނގިފައިއޮތުން މުހިއްމުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.