މާލޭގެ މާރުކޭޓެކޭ ބުނުމުން އެންމެންނަށްވެސް ސިފަވާނީ އެއް މަންޒަރުތަކެކެވެ. މާބޮޑު ސާފުތާހިރުކަމެއް ނެތް ތޮށްޖެހިފައިވާ އެއްވެސް ތަރުތީބެއް ނެތް ކުދިކުދި ގޮޅިތަކެކެވެ. ތަކެތި ވިއްކަން ތިބޭނީ ހުސް ބިދޭސީންނެވެ. އެއީ ކޮންތާކު ހެދި ކޮންބައެއްގެ އުފެއްދުމެއްކަމެއް އެނގޭ ކަހަލަ މަދު އުފެއްދުމެއް ނޫނީ ފެންނާކަށް ހުންނާނެއެވެ.
މާލޭގެ ނިކަގަސް މަގުގައި ހުޅުވާފައި ހުރި ލޯކަލް މާރުކޭޓަކީ މިހުރިހާ މާރުކޭޓްތަކާއި މުޅިން ތަފާތު މާރުކޭޓެކެވެ. މިމާރުކޭޓުގެ އެންމެ ތަފާތުކަމަކީ މިތަނުގައި ވިޔަފާރިކުރަން ތިބެނީ ހުސް ދިވެހިންކަމެވެ.
މާރުކޭޓުގެ ވެރިފަރާތުން ފެށިގެން މާރުކޭޓުގައި ތަކެތި ވިއްކަން ތިބޭ މީހުންނަކީވެސް ދިވެހިންނެވެ. މޭވާއާއި ތަރުކާރީގެ އިތުރުން މިހާރު ދިވެހިންގެ ތެރޭގައި އާއްމުވެފައިވާ ގަސްއިންދުމަށް ހާއްސަ ތަކެތިވެސް މި މާރުކޭޓުން ލިބެން އެބަހުއްޓެވެ.
"ވީ މާރުކޭޓް" ނަމަކަށް ކިޔާ މި މާރުކޭޓް ފެށުމުގެ ވިސްނުން އައިގޮތް މާރުކޭޓުގެ ވެރިފަރާތް ކަމުގައިވާ އަހްމަދު ސުނިލްވަނީ ޕީއެސްއެމްއާއި ހިއްސާ ކޮށްފައެވެ. ސުނިލް ބުނީ މިކަމަށް ފުރަތަމަ ހިޔާލު އައީ އަބަދުވެސް ދިވެހިންނަށް ފުރުސަތު ނުލިބޭ ވާހަކަ ދައްކާތީ އެކަން އެހެން އޮތްއޮތުން ބަދަލުކުރުމަށްޓަކައި ވިސްނި ވިސްނުމެއްގެ ތެރެއިންކަމަށެވެ.
ސުނިލް ބުނީ ދިވެހިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މި މަސައްކަތް ފެށުނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހުކަމަށާއި، މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ގިނަ ދަތިތަކަކާއި ކުރިމަތި ލާން ޖެހުނުކަމަށެވެ.
ސުނިލް ބުނީ މި މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަމުން އަންނަނީ އެންމެ 6000 ރުފިޔާއަށް ކަމަށާއި، އެހެން މާރުކޭޓުތަކާއި ހިލާފަށް މި މާރުކޭޓުގައި ފެނާއި، ކަރަންޓާއި، ތަކެތި ބަހައްޓާ ހަރުތައްވެސް ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެޑްވާންސް އަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަން ސުނިލް ފާހަގަކުރިއެވެ. މިހާރުވެސް މަރާމާތުގެ މަސައްކަތްތައް ކުރިޔަށްދާ މި މާރުކޭޓުގައި 13 ގޮޅި ހިމެނެއެވެ. ކޯވިޑް-19 ގެ ސަބަބުން ދިވެހިންނަށް އެންމެ ބޮޑަށް ދަސްވިކަމަކީ ސާފުތާހިރުކަން އިސްކުރުން ކަމަށާއި، މި މާރުކޭޓުގައި ސާފުތާހިރުކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަމަށް އޭނާ ބުންޏެވެ.
"ލޮކްޑައުންއާ ކޯވިޑް-19 އާ މީގެ ސަބަބުން ދިވެހިންނަށް ލިބުނު އެޑްވާންޓޭޖް ތަކަކީ އަސްލު ދިވެހިންނަށް މިއަދު ދަސްވެއްޖެ ވަރަށް ހައިޖީނިކް ކޮށް އުޅެން ދެއްތޯ. ކޮންމެ މީހަކުވެސް ބޭނުންވަނީ ވީހާވެސް ސާފުތާހިރުކޮށް އުޅެން. އަޅުގަނޑު ކްރިއޭޓް މިކުރީ ހައިޖީނިކް ތަނެއް ދިވެހިންނަށް" ސުނިލް ބުންޏެވެ.
ޒަމާނީ ފެންވަރަކަށް ހަދާފައިވާ މި މާރުކޭޓުގައި ވިއްކާ ތަކެތީގެ 90 އިންސައްތައަކީ ދިވެހި އުފެއްދުންކަމަށް މާރުކޭޓުގައި މުދާ ވިއްކާ ފަރާތްތަކުން މައުލޫމާތުދެއެވެ. މާރުކޭޓަށް މުދާ ގެންނަ ރަށްތަކުގެ ތެރޭގައި ކ.ކާށިދޫއާ އއ.ތޮއްޑޫއާ ހދ.ކުމުންދޫ ހިމެނެއެވެ. އަދި މާރުކޭޓުގައި ވިއްކަން ހުރި ދިވެހި އެހެން އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އަސާރަ އާއި މަސްމިރުސް ފަދަ އުފެއްދުންތަކަކީ މާލޭގައި އެކި ފަރާތްތަކުން ތައްޔާރު އަމިއްލަ އުފެއްދުންތަކެވެ.
މިހާތަނަށް މާރުކޭޓުން ލިބެން ހުރީ މޭވާއާ ތަރުކާރީގެ އިތުރުން ގަސްގަހާގެހި ނަމަވެސް ކުރިއަށް އޮތްތާނގައި މާރުކޭޓަށް އިތުރު ކުރިއެރުންތަކެއް ގެނައުމުގެ ވިސްނުން އެބަހުރިކަމަށް މާރުކޭޓް ހިންގާ ފަރާތުން ބުނެއެވެ. އެގޮތުން ޓޭކްއަވޭގެ ހިދުމަތް ލިބޭނެ ތަނަކާއި ރެޑީ މޭޑް ސާމާނު ލިބެން ހުންނާނެ ކުޑަ ފިހާރައެއްވެސް މާރުކޭޓުގައި ކުރިޔަށް އޮތްތާނގައި ހުންނާނެކަމަށް ސުނިލް ބުންޏެވެ.
ދިވެހިންގެ އަމިއްލަ މާރުކޭޓެއް ހުޅުވައިގެން ކުރިޔަށް ގެންދިއުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާކަން ބައެއް މީހުން ފާހަގަކުރިއެވެ. އެގޮތުން ބިދޭސީންގެ އަތްމައްޗައް މިފަދަ ކަންކަން ދޫކޮށްލާފައި އޮންނަތާ އެތައް ދުވަހެއްވެފަވާތީ އެ މީހުން ނުލާ މި މަސައްކަތް މިހާރު ކުރަން އުނދަގޫކަމަށް މާރުކޭޓުގައި ވިޔަފާރިކުރާ ބައެއް މީހުން ބުންޏެވެ.
ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ މުދާ މާލޭގެ ބަނދަރާއި ހަމައިން ފެށިގެން، މާރުކޭޓްތަކާއި ހަމައަށް ގެންގޮސް، ވިއްކުމުގައި އޮންނަނީ ބިދޭސީންގެ ކޮންޓްރޯލްކަމަށެވެ. އަދި އެހެން އެކަން އޮތުމާއެކު ބިދޭސީންނާ އަޅާބަލާއިރު ދިވެހިންނަށް ތަކެތި ގަންނަން ލިބޭ އަގު ބޮޑުކަމަށާއި އަދި ތަކެތި ލިބުމުގައިވެސް ދަތިތައް ހުންނަކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.
"އެމީހުންގެ ނުފޫޒު ހަމަ ވަރަށް ގަދަ. ވާގޮތަކީ ރަށްރަށުގެ ދަނޑުތަކުން ފެށިގެން ބޯޓުން ފެށިގެން މާލެ ބަނދަރަށް އައިސް އެއްޗެހިތައް ބާލާ ތޮށިގަނޑުމަތިންވެސް އެމީހުންނަށް ހުރިހާ ބާރެއް މިއޮންނަނީ. އެހެންވީމަ ވަރަށް އުނދަގޫ ހަމަ. އެއްޗިހި ތަކުގެ އަގުތަކާ އެއްޗިހިވެސް އަހަރުމެންނަށް ހަމަ ބޮޑެތި ކިޔާލެއް" ވީ މާރުކޭޓުގައި މުދާ ވިއްކާ ފަރާތަކުން ޕީއެސްއެމްއަށް މައުލޫމާތު ދެމުން ބުންޏެވެ.
ހަމައެކަނި ދިވެހިންނަށް ހާއްސަ މި މާރުކޭޓު ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެފަވާއިރު މިކަމުގައި ހުރި ވަރަށް ގިނަ ދަތިތައް މާރުކޭޓުގެ ވެރި ފަރާތުންވެސް ވަނީ ޕީއެސްއެމްއާ ހިއްސާ ކޮށްފައެވެ. އެގޮތުން މާރުކޭޓު ހުންނަ ސަރަހައްދުގެ ކުރިމަތީ ވެހިކަލް ޕާކުކުރުމުން މާރުކޭޓަށް ވަދެ ނިކުތުމުގައި ދިމާވާ ދަތިތައް ފާހަގަކުރިއެވެ. އެއީ ޕާކިންގ ޒޯންއަކަށް ނުވާއިރު އެކަމަށް ހައްލެއް ހޯދައިދެއްވުމަށް އެދި މާލެ ސިޓީ ކައުންސިލްއަށް ހުށަހަޅާފަވާކަމަށްވެސް ސުނިލް ބުންޏެވެ.
ސުނިލް ބުނިގޮތުގައި ކުޑަ ކުއްޔަކާއެކު ހުރިހާ ވަސީލަތްތަކާއެކު މި ކަމަށް ފުރުސަތު ދިނުމުންވެސް އެދެވޭ ވަރުގެ އެއްބާރުލުމެއް ދިވެހިންގެ ފަރާތުން އަދި ނުލިބޭ ކަމަށެވެ. ނަމަވެސް އުއްމީދަކީ ދިވެހިން މިފަދަ ކަންކަމުގައި ކުރިޔަށް ނުކުމެ އިސްނަގައިގެން ކުރިޔަށް ދިއުންކަމަށް ސުނިލް ފާހަގަކުރިއެވެ.