ކޯވިޑް-19 އަށް ދޭނެ ވަކި ޚާއްސަ ފަރުވާއެއް ނުވަތަ ބޭހެއް ނެތް ވާހަކައަކީ އާއްމުންގެ ތެރޭގައި ބައްޔާމެދު ބިރުވެރިކަން އުފެދުނު އެންމެ ބޮޑު އެއް ސަބަބެވެ. ކޯވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފެށިގެން އައީ މާސްކް އެޅުމާއި ހަމައިންނެވެ. ކޯވިޑް-19 ގެ ހާލަތުގައި އާއްމު ދިރިއުޅުމަށް އައި ބަދަލުތައް އަނެއްކާވެސް މަޑުމަޑުން ކުރީގެ އާއްމު އުސޫލަށް މިވަނީ ބަދަލުވާން ފަށާފައެވެ. މަޑުމަޑުން ބައްޔާއެކު އުޅުމަށް ދިވެހިން މިއަންނަނީ ދަސްކުރަމުންނެވެ.
އެކި ހާލަތްތަކާއެކު ކަންކަމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އެޗްޕީއޭއިން އަންނަނީ ރައްޔިތުން ކަންކުރަންވީގޮތް ވަރަށް ތަފްސީލުކޮށް އަންގާދެމުންނެވެ. މާސްކް އެޅުމުގައި ގެންގުޅެންވީ އުސޫލުތަކާއި މާސްކް އެޅުން މަޖުބޫރު ތަންތަންވެސް މިވަނީ ކަނޑައަޅާފައެވެ. ދިވެހި ރާއްޖޭގެ ކަރަންޓީންގެ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރުކުރުމަށްފަހު އެޗްޕީއޭއިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ސްކޫލްތަކުގެ ޗުއްޓީ ފެށިފައިވުމާއެކު މިދުވަސްވަރު ވެގެންދާނީ ގިނަބަޔަކު ޗުއްޓީއާ އެކި އެކި ކަންކަމުގައި ދިވެހިން އެއްތަނުން އަނެއްތަނަށް ދަތުރުކުރާނެ ދުވަސްވަރެކެވެ. ނަމަވެސް މިފަދަ ބަލިމަޑުކަމެއްގެ ވަގުތުގައި ތިމާއާއި އަނެކާގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމަށް ދެކެންޖެހެއެވެ.
އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގައިވެސް ފަރުދީ ޒިންމާ އަދާކޮށް ތިމާއަށް ދަތުރު މިކުރެވެނީ ކޮންހާލަތެއްގައި އޮތް ކޮންގޮތަކަށް އަމަލުކުރަން ޖެހޭ ތަނެއްތޯ ބެލުމަކީ މުހިންމު ކަމެކެވެ. ޚާއްސަ ގޮތެއްގައި ރަށްރަށުން މާލެ އަންނަ ފަރާތްތަކުން ސަމާލުވާންޖެހެއެވެ. މާލެއަކީ ކޯވިޑް-19 ފެނި ކޮމިއުނިޓީ ސްޕްރެޑްއޮތް ތަނެކެވެ. ހަމަ އެގޮތަށް މޮނިޓަރިންގގެ ހާލަތުގައިވާ ރަށްރަށާއި ގެސްޓް ހައުސް ހިންގާ ރަށްރަށާއި އެއާޕޯރޓް ހިންގާ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުންވެސް ޚާއްސަ ސަމާލުކަމެއްދޭން އެޗްޕީއޭ އިން ވަނީ އަންގަވާފައެވެ. އަދި މި ދެންނެވި ތަންތަނަކީ އެޗްޕީއޭއިން މާސްކް އެޅުން މަޖުބޫރުކޮށްފައިވާ ތަންތަނެވެ.
ސިއްހީ ފަރުވާ ހޯދުމަށްވެސް ގިނަ އަދަދެއްގެ މީހުން މާލެ އަންނަ މި ދުވަސްވަރަކީ ޚާއްސަކޮށް ސިއްހީ ޚިދުމަތްދޭ ތަންތަނުގައި މާސްކް އެޅުމާއި، މާސްކް އެޅުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. އެހެން ކަމުން ޚިދުމަތް ދޭ ފަރާތްތަކުންނާއި، ތަނުގެ މުއައްޒަފުންނާއި އަދި ޚިދުމަތް ހޯދާ ފަރާތުންވެސް މިފަދަ ކަންކަމަށް ސަމާލުވާންޖެހެއެވެ. ކޮންމެހެން ދާން ޖެހިގެން މެނުވީ ސިއްހީ ފަރުވާދޭ ތަންތަނަށް ނުދިއުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައިވެސް ސިއްހީ ފަރުވާ ދޭ ތަނަކަށް ދާ ނަމަ މާސްކް އެޅުން މަޖުބޫރުވާނެއެވެ.
މާސްކް އެޅުމުގައިވެސް އެޗްޕީއޭއިންވަނީ ވަކި އުސޫލުތަކެއް ކަނޑައަޅާ ވަކި އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން ބަލިޖެހިފަވާ މީހުން ނުވަތަ ބަލި މީހުން ބަލަހައްޓާ މީހުން، ބަލި މީހުނަށް ހިދުމަތް ދޭ މީހުން އަދި ބަލީގެ އަލާމާތްތައް ހުންނަ މީހުން އެޅުމަށް އެންމެ ރަނގަޅީ މެޑިކަލް ނުވަތަ ސާރޖިކަލް މާސްކް ކަމަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ. އަދި މިނޫން ބޭފުޅުން ނޮން މެޑިކަލް ނުވަތަ ފޮތި މާސްކް ބޭނުންކުރުމަށް އިރުޝާދުދެއްވާފާ ވާއިރު މިހުރިހާ ބޭފުޅުންވެސް ރަނގަޅަށް މާސްކް ބޭނުންކުރުމަށް އެޗްޕީއޭއިން ތަކުރާރުކޮށް އަންނަނީ ހަނދާންކޮށްދެމުންނެވެ.
މާސްކް އެޅުމަކީ ކޯވިޑް-19 ޖެހުމުން ރައްކާތެރި ކޮށްދޭ ކަމަކަށް ވާއިރު މަގުމަތީގައާއި މީހުން ގިނަ ތަންތާނގައި ރަނގަޅަށް މާސްކް ބޭނުންކުރުން މުހިންމެވެ.
ނަމަވެސް ހިތާމައާއިއެކު ފާހަގަކުރަން ޖެހޭ ކަމަކީ ބައެއް ބޭފުޅުން މާސްކް ތިރިކޮށް ނުވަތަ މާސްކް ނާޅާ މިފަދަ ތަންތާނގައި އުޅޭކަމެވެ. މާސްކް އެޅުމަކީ ހަމައެކަނި ތިމާގެ ރައްކާތެރިކަމަށް ކުރާ ކަމެއް ނޫނެވެ. އެއީ ތިމާއާއި ތިމާއާއެކު ދެން މުޖުތަމައުގައި އުޅެމުން އަންނަ މީހުންގެ ވެސް ރައްކާތެރިކަމަށް ކުރެވޭ ކަމެކެވެ.
މާސްކް އެޅުމުގެ ފައިދާ ނުވަތަ ބޭނުން ފުދޭނީ އެކަމުގެ އުސޫލުތަކަށް ރަނގަޅަށް ތަބާވެވިގެންނެވެ. މިގޮތުން ބަލާއިރު މާސްކް ބޭނުން ކުރުމުގެ ކުރިން އަތް ދޮވުން ނުވަތަ ސާފުކުރުމާއި، އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކް އެޅުން ހިމެނެއެވެ. އަދި މާސްކް އެޅުމުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތްދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ނިވާކުރުމާއި އަދި މޫނުގައި އަތްލުންފަދަ ކަންކަން ނުކުރުން ހިމެނެއެވެ.
މާސްކް އަޅާ، ބާލާ، ރަނގަޅަށް ނުގެންގުޅޭނަމަ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ. ފަރުދީ ޒިންމާ އަދާނުކޮށް ފަރުވާ ކުޑަ ކުރާނަމަ އަމިއްލަ ނަފްސުގެ އިތުރުން ތިމާގެ ކައިރީގައި އުޅޭ އެންމެންވެސް އެ ހުށަހަޅެނީ ނުރައްކަލަކަށް ކަން ހަނދާން ކުރަންޖެހެއެވެ. ގައިން ގަޔަށް އަރާ މި ބަލިން ރާއްކާތެރިވެވޭނީ އަމިއްލައަށް ރައްކާތެރިވެ އަނެކުންވެސް ރައްކާތެރިކުރުމުންނެވެ.