 
										 
										 
										
			އަމާން ސުލްޙަވެރި ވެއްޓެއް ޤާއިމުކުރުމަށްޓަކައި ދިވެހި ސިފައިން ކުރަމުންދާ މަސައްކަތް ފުރިހަމަކުރުމަށް ސިފައިންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތައް ވަރަށް މުހިންމުމަކަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ. 
މިނސްޓަރ މާރިޔާ މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)އާ ގުޅިގެން އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓަރ ޓެރަރިސްޓް ކްލޯސް ކުއަރޓަރ ބެޓަލް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 
މިނިސްޓަރ ވިދާޅުވީ ރާއްޖެކަހަލަ ފަތުރުވެރިކަމަށް އިޤްތިސާދު ބަރޯސާވެފައިވާ ޤައުމުތަކުގައި ޚާއްސަ ގޮތެއްގައި ވެށީގެ އަމާންކަން ކަށަވަރުކޮށްދީ އަންނަން އޮތް ޖީލުތަކަށް އަމާން ކަމާއެކު މިވެށި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް މުހިންމުވެފައި ބޮޑުކަމަށެވެ. 
ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގައި ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. 
"ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށްވެސް ޢާއްމުވެފައިވާ ގޮންޖެހުމެއް. މިކަންކަމާއި ދޭދޭ ޤައުމުތައް މިހާރަށްވުރެ ބޮޑަށް އިންޓެލިޖެންސް ހިއްސާކޮށް ގުޅިގެން މަސައްކަތް ކުރަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ. 
		
 
										 
										 
										
			ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ތެރެއިން ޒަރޫރީ ޙާލަތްތަކުގައި ހަތިޔާރާއެކު ކުރިމަތުލުމުގެ ބާރު އެމްއެންޑީއެފަށް ދީފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ. 
ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިނގިރޭސި ވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެމައްޗަށް މިނިސްޓަރ އަލި އަޅުއްވާލެއްވިއެވެ. 
"ދިފާޢީ ރޮނގުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ހުޅުވިގެންދިޔަކަން މި ތަމްރީނު ޕްރޮގްރާމުން ރަމްޒުވެގެންދޭ." މިނިސްޓަރ ވިދާޅުވިއެވެ. 
މިރަސްމިއްޔާތުގައި އިނގިރޭސި ވިލާތުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޯޒްލަރ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލާއި އިނގިރޭސި ވިލާތުގެ ޓްރެއިނިންގ ޓީމުގެ މެމްބަރުންގެ އިތުރުން ޖެނެރަލް އޮފިސަރުން އަދި ސެންޓްރަލް އޭރިޔާގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.