ޚަބަރު

މޫސުން: ޢާއްމު ރައްޔިތުން ސަމާލުވުމަށް މޭޔަރު އިލްތިމާސްކުރައްވައިފި


ސްރީ ލަންކާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން "ބުރެވި"ގެ އަސަރު ރާއްޖެ ސަރަހައްދަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިވެ ސަމާލުވުމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރ ސިފާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ވައިގަދަވެ ވިއްސާރަވާ ވަގުތު ބެލްކަނި ޓެރަސް ފަދަ ތަންތަނުގައި މަގުމައްޗަށް ވެއްޓިދާނެ ފަދަ ގޮތަކަށް އެއްވެސް އެއްޗެއް ނުބެހެއްޓުމަށް މޭޔަރ އިލްތިމާސްކުރެއްވިއެވެ. އެގޮތުން ގަސް އިންދާ ޕޮޓު އަދި ޚާއްސަކޮށް ތޫނު އެއްޗެހި ނުބެހެއްޓުމަށް އެދިވަޑައިގެންފައެވެ. މޭޔަރ ވަނީ ގަދަ ވައިގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް މަސައްކަތްކުރާ ސައިޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"މަސައްކަތް ކުރާ ސައިޓުތަކުގައި ހުންނަ ދަނގަޑާއި ޓިނު އަދި ފުރާޅުތަކުގައިވެސް ވެއްޓިގެން އަނިޔާއެއް ލިބިދާނެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް އަދި ހުރި ނަމަ އެ ފަދަ އެއްޗެހި ނަންގަވާދެއްވާ." މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުގައި އޮންނަ ރެސްޕޮންސް ޓީމު ފެންބޮޑުވެދާނެކަމަށް ވެލިބަސްތާތައް ތައްޔާރުކޮށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. ފެންބޮޑުވެގެން ދިމާވެދާނެ ނުރައްކާތެރި ހާދިސާ އަކަށް އާއްމުކޮށް ފެންބޮޑުވާ ގޭގޭގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިވެ ސަމާލުވެ ތިއްބެވުމަށް މޭޔަރ އެދިވަޑައިގަތެއެވެ.

"ދުރާލައި ރައްކާތެރިވެ ތިބުމަކީ ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމެއް. ޚާއްސަކޮށް ވިޔަފާރިވެރިން އަދި މުދާ ބަހައްޓާފައި ހުންނަ ތަންތަނުގައި ލިބިދާނެ ގެއްލުމުން ސަލާމަތްވުމަށް އުސްތަންތަނަށް އަރުވާލާފައި ބެހެއްޓުމަކީ މުހިންމުކަމެއް. މަގުމަތިންވެސް ފެންވަދެދާނެތީވެ އެކަމަށް ކުރިޔާލައި ތައްޔާރުވެލެއްވުން އެއީ މުހިންމުކަމެއް." މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ވޭތުވެދިޔަ ތަނުގައިވެސް ވިއްސާރައިގެ ހާލަތުގައި ސިޓީ ކައުންސިލުން އަންގާވާ އެންގުންތަކަށް މަސައްކަތް ކުރާ ގިނަ ސައިޓުތަކުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ބައެއް ސައިޓުތަކަށް ކައުންސިލުގެ ފަރާތުން ހައްލު ހޯދައި ދެވިފައި ވާނެކަމަށެވެ.