ޚަބަރު

ހިޔާ މަޝްރޫއުގެ H7 ކެޓެގަރީގެ ވަގުތީ ލިސްޓް އާއްމުކޮށްފި


ހިޔާ މަޝްރޫއުގެ H7 ކެޓަގަރީއަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށްފިއެވެ. މި ކެޓެގަރީއަކީ ކައިވެނިކޮށްގެން އުޅޭ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ޚާއްސަކޮށްފައިވާ ކެޓެގަރީއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އާއްމުކުރި ލިސްޓުގައި H7 ކެޓަގަރީއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ 2008 އަހަރު ލިބުނު ޕޮއިންޓުގެ ތަފްސީލާއި ފްލެޓް ތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާކުރުމަށްފަހު ދީފައިވާ ޕޮއިންޓުގެ ތަފްސީލް ވެސް ހިމަނައިގެންނެވެ.

މި ކެޓެގަރީގެ ވަގުތީ ލިސްޓުގައިވާގޮތުން ފޯމުލީ ފަރާތްތަކުގެ ތެރެއިން 1248 މީހަކު ޝަރުތު ހަމައެއް ނުވެއެވެ. މި ކެޓެގަރީއަށް ޝަރުތު ހަމަވާކަމަށް ވަގުތީ ލިސްޓުގައި ވަނީ 7808 ފަރާތެކެވެ. H7 ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވަނީ 802 ފްލެޓެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 1 ޑިސެމްބަރުން ފެށިގެން 13 ޑިސެމްބަރުގެ ނިޔަލަށެވެ. ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މި ކެޓެގަރީގެ ދާއިމީ ލިސްޓު އާންމު ކުރުމަށް ހަމަޖެހިފައިވަނީ އާންމުންގެ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށް ފްލެޓް ތަކުގެ މައްސަލަ ބަލާ ކޮމިޓީން ވިދާޅުވެއެވެ.

މިހާތަނަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ވަނީ ހިޔާ މަޝްރޫއުގެ ކެޓަގަރީ H4 ( ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ ) ،H5 ( ޓީޗަރުންނަށް ޚާއްސަ ކެޓަގަރީ )، H8 ( މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ ) ،H10( ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކަށް ޚާއްސަ ކެޓަގަރީ ) އަދި H10 މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފަވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ )ގެ ވަގުތީ ލިސްޓް އިއުލާން ކޮށްފައެވެ.

ބާކީ ހުރި އެހެން ކެޓަގަރީ ތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އިއުލާނު ކުރާނެކަމަށް އެ ކޮމިޓީއިން ވަނީ ހާމަކޮށްފައެވެ.