ޚަބަރު

މީހުން ޓްރެފިކުކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭ ގޮތްހަދަނީ


ހިއުމަން ޓްރެފިކިން މާނަކުރުމުގައި މިހާރު ޤާނޫނުގައި އޮތް މިންވަރު ފުޅާކޮށް، އެފަދަ ވިޔަފާރިތަކުން މަންފާ ހޯދާ ފަރަތްތަކުގެ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ހުށަހެޅުއްވި ބިލުން ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލެއް ހިންގުމަށް ބޭނުންކުރާ މުދަލާއި ފައިސާއާއި ކުށުގެ ޢަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ބާރު ލިބޭދޭގޮތަށް ވަނީ ހުށަހަޅާފައެވެ. އަދި ޓްރެފިކްކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭނެ ބަދަލުތަކުގެ ބާވަތްތައް ޤާނޫނުގައި ކަނޑައެޅުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ބިލު ހުށަހެޅުމުގެ ބޭނުމަކީ، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުގައި ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށާއި، ކުޑަކުދިން ޓްރެފިކްކުރުމުގެ ކުށާއި، އެކްސްޕްލޮއިޓޭޝަންގެ ޢަމަލު ހިންގުމުގެ މާނަ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނެ ޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ޕްރޮޓޮކޯލްއެއް ކަމުގައިވާ "ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕަރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން" އާ އެއްގޮތް ކުރުމަށްޓަކައި ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އެ އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ އެހެން މާއްދާތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރުދައްކައިގެންނާއި އޮޅުވާލައިގެން އަދި މަގާމުގެ ނަހަމަ ބޭނުންކޮށްގެން ނުވަތަ އެ މީހާގެ މައްޗަށް ބާރު ހިންގޭ މީހަކަށް ފައިސާ ދީގެން ކުރާ ނަމަ އެކަންތައްތައް ފެތޭނީ ހިއުމަން ޓްރެފިކިންއަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ހިއުމަން ޓްރެފިކިންގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް:

  • - ބޭރު ޤައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން އަދި ރާއްޖޭން އެހެން ގައުމަކަށް ވެސް މީހަކު ގންދިއުން ނުވަތަ ބަދަލުކުރުން.
  • - ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ބަދަލުކުރުން.
  • - އެގޮތަށް ގެންނަ މީހަކާ ހަވާލުވުން ނުވަތަ ބެހެއްޓުން.
  • - ވަޒީފާއަށް ނުވަތަ މަސައްކަތަށް ރެކްރޫޓްކުރުން.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިއީ ދުނިޔޭގައި ކުރިމަތިވެފައިވާ މޫސުމީ މައްސަލައެކޭ އެއްފަދައިން އޮތް ބޮޑު އިންސާނިއްޔަތާއި ޚިލާފް މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. މިމައްސަލަ ހައްލު ކުރުމުގައި ދުނިޔޭގެ ގިނަ ގައުމުތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު މިކަން ފުޅާދާއިރާއެއްގައި ރާއްޖޭގައިވެސް ކުރަމުންދާކަމަށެވެ. ރާއްޖޭގައި މިކަން ކުރާ މީހުން ބޮޑެތި މަހުޖަނުންނަށްވެ، ނުއަގުގައި އެކި ޤައުމުތަކުން މީހުން ގެނެސް އެމީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އިންސާނީ ހައްގުވެސް ދެމުން ނުދާކަމަށް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެވެމުންދާ މީހުން ޓްރެފިކްކުރުން ހުއްޓުވުގެ ޤާނޫނާއި ގުޅޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލަޔަކީ މުޅި ދުނިޔޭގައި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މިމައްސަލަ އިތުރުވެގެންދަނީ ލިބޭ އާމްދަނީއާއި، ދެވޭ އުޖޫރަވެސް ކުޑަވުމުން ކަމަށާއި މިކަމަށް ހައްލެއް ގެވޭނީ އެންމެ ކުޑަވެގެން ދެވޭ އުޖޫރައެއް ކަޑައެޅިގެންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މިބިލު ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ބަލައިގަނެފައެވެ.

ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު ފާސްކޮށް، ބިލު ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީއަށެވެ.