މުނިފޫހިފިލުވުން

ވިވެކް އޮބްރޯއީ އާއިލާއާއެކު ރާއްޖޭގައި


ބޮލީވުޑްގެ މަޝްހޫރު ތަރި ވިވެކް އޮބްރޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ވިވެކް ރާއްޖެ އައިސްފައިވާކަން ހާމަކޮށްފައިވަނީ އޭނާ އިންސްޓަރގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ވިވެކް އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުންދަނީ ސައި ލެގޫން މޯލްޑިވްސްގައެވެ. ވިވެކް އަންނަނީ ރާއްޖޭގައި އޭނާ ހޭދަކުރަމުންދާ މަންޒަރު ދައްކައިދޭ ފޮޓޯތައް އިންސްޓަރގްރާމްގައި އޭނާގެ ފޭނުންނާއި ހިއްސާކުރަމުންނެވެ.

ވިވެކްއަކީ ޢާއްމުންގެ ތެރޭގައި މަޤުބޫލު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. އެގޮތުން އޯމްކަރާ އަދި ސާތިޔާ ފަދަ ފިލްމުތަކަކީ ބޮލީވުޑްގައި އޭނާގެ ފާހަގަވެފައިވާ ފިލްމުތަކެކެވެ. ބޮޑު ސްކްރީނުން ވިވެކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޕީ.އެމް ނަރެންދުރަ މޯދީ ކިޔާ ފިލްމަކުންނެވެ. އަދި އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ މުމްބާއީ ސާގާ ކިޔާ ފިލްމެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ޕީކްގެ ގޮތުގައި ފާހަގަވެފައިވާ މި ދުވަސްވަރު ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއްވަނީ ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. އެގޮތުން ވަރުން ދަވަން، ޓައިގަރ ޝްރޮފް އަދި ކެޓްރީނާ ފަދަ ތަރިން ދާދި ފަހުން ރާއްޖެ އައިސްފައިވެއެވެ. އަދި މިވަގުތު ސޮނާކްޝީ ސިންހާވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ރާއްޖޭގެ ބޯޑަރ ހުޅުވާލުމާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިޔާ އިންނެވެ.