ކުޅިވަރު

ސްޕާޓާ އަތުން ބަލިވެ ސެލްޓިކް ކަޓައިފި


ޔޫރަޕަ ލީގުގައި ރަޝިޔާގެ ސްޕާޓާ ޕްރާ އަތުން ބަލިވެ ސްކޮޓްލޭންޑްގެ ސެލްޓިކް މުބާރާތުން އަލްވަދާއު ކިޔައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ސްޕާޓާ އަތުން ސެލްޓިކް ބަލިވީ 4-1 ލަނޑުންނެވެ. މުބާރާތް ރީބްރޭންޑް ކުރި ފަހުން ރަށުން ބޭރުގައި ސެލްޓިކް ކުޅުނު 24 މެޗުގެ ތެރެއިން އެޓީމުން މޮޅުވެފަވަނީ އެންމެ ދެ މެޗުންނެވެ.

މި ސީޒަންގައި ޔުރަޕާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ސެލްޓިކް ވަނީ ތިން މެޗުން ބަލިވެ އެއްމެޗު އެއްވަރުކޮށްފައެވެ. ރޭގެ މެޗުގައި ސްޕާޓާރ އަށް ދެލަނޑު ކާމިޔާބުކޮށްދިން ލޫކަސް ޖުލިސް ވަނީ މުބާރާތުގައި އެންމެފަހުން ކުޅުނު ދެމެޗުގައި ފަސްލަނޑު ޖަހާފައެވެ.

ރޭ މިގުރޫޕުގައި ފްރާންސްގެ ލިލް އާއި އޭސީ މިލާން ކުޅުނު މެޗު 1-1 އިން އެއްވަރުވެފައެވެ. ރޭގެ ނަތީޖާތައް ނުކުތްގޮތުން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ތިން ޓީމަށް ފުރުސަތު ލިބިފައިވެއެވެ. މިވަގުތު އެއްވަނައިގަ ލިލް 8 ޕޮއިންޓާއެކު އޮތްއިރު މިލާން ދެވަނައިގަ އޮތީ 7 ޕޮއިންޓާއެކުގައެވެ. ސްޕާޓާ ތިންވަނައިގަ އޮތީ 6 ޕޮއިންޓާއެކުގައެވެ. ފުލުގައި އޮތް ސެލްޓިކަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ރޭގަ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވިޔަރެއާލް އާއި މެކާބީ ތެލްއަވީވް ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެން. ޑިނަމޯ ޒެގްރެބް އިން ވަނީ ވުލްވްސްބާގްގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދާފައެވެ. ރޯމާ އާއި ކުލޫޖް ވާދަކުރި މެޗު ރޯމާ ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. ޕީއެސްވީން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރި އިރު ގްރެނޭޑާއިން ވަނީ އޭސީ އޮމީނިޔާގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދާފައެވެ.