ކުޅިވަރު

ރޭންޖާސް އާއި ބެންފީކާ އެއްވަރުވެ ކޮލިފައިވުމުގެ އުންމީދުގައި


ޔޫރަޕަ ލީގުގައި ރޭ ކުޅުނު މެޗު އެއްވަރުވުމުން ރޭންޖާސްއިން މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމުގެ އުންމީދު އާކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސްކޮޓްލޭންޑްގެ ރޭންޖާސް އެއްވަރުވީ ޕޯޗުގަލްގެ ބެންފީކާ އާއި ވާދަކޮށް 2-2 ލަނޑުންނެވެ. ރޭގެ މެޗު ކާމިޔާބުކޮށްގެން ވެސް މުބާރާތުގެ އަނެއް ބުރަށް ދެވެންއޮތް ރޭންޖާސްގެ ލަނޑުތައް ޖެހީ ސްކޮޓް އާފީލްޑް އާއި ކެމާ ރޫފޭއެވެ. ބެންފީކާގެ ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ ރޭންޖާސްގެ ޖޭމްސް ޓަވާނިޔާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދީ ޕިޒީއެވެ. މި ނަތީޖާއެކު ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ކޯޗުކަމުގައި ކުޅޭ ރޭންޖާސްވަނީ ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ. ރޭ މި ގުރޫޕްގައި ބެލްޖިއަމްގެ ސްޓާންޑާޑް ލީޖް އާއި ލެޗް ޕޮޒްނާން ވާދަކުރި މެޗު ސްޓެންޑްޑާޑުން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. އަންނަ ހަފްތާގައި މި ގުރޫޕްގައި ރޭންޖާސް ސެޓެންޑާޑް އަތުން މޮޅުވެއްޖެ ނަމަ މުބާރާތުގެ ދެވަނަބުރުގެ ޖާގަ ޔަގީންވެގެންދާނެއެވެ.

ރޭގެ ނަތީޖާއެކު ގުރޫޕްގެ ކުރީގަވާ ރޭންޖާސް އާއި ބެންފިކާ އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. ޕޮޒްނާން އާއި ސްޓޭޑޭޑް އަށް ލިބިފައިވަނީ ތިންޕޮއިންޓެވެ.

ހާޓްއެޓޭކެއް ޖެހިގެން މަރުވި ނަޕޯލީގެ ކުރީގެ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި އެ ޓީމުގެ ކުޅުންތެރިން ރޭ ޔޫރޮޕާ ލީގުގައި ކުޅުނު މެޗަށް ނުކުތީ 10 ނަމްބަރު ޖަހާފައި ޖޯޒީތަކެއްގައެވެ. ކްރޮއޭޝިއާގެ ރިޔެކާ އަތުން ނަޕޯލީ މި މެޗުގައި މޮޅުވީ 2-0 އިންނެވެ. ގްރޫޕް އެފްގެ އެއް ވަނައިގައި އޮތް އޭޒެޑާއި ދެ ވަނައިގައި އޮތް ނަޕޯލީ އާއި ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ލިބިފައިވަނީ ހަތަރު މެޗުން 6 ޕޮއިންޓެވެ.