ކުޅިވަރު

ލެސްޓާ މުބާރާތުގެ ދެވަނަބުރަށް


ޔޫރަޕާ ލީގުގައި ގުރޫޕްގައި ރޭ ކުޅުނު މެޗަށްފަހު މުބާރާތުގެ ދެވަނު ބުރެގެ ފުރަސަތެއް އިނގިރޭސި ކުލަބް ލެސްޓަރ ސިޓީން ހޯދައިފިއެވެ.

ރަށުންބޭރުގައި ކުޅުނު މެޗު ބްރާގާ އަތުން ލެސްޓާ އެއްވަރުވީ 3-3 ލަނޑުންނެވެ. ބްރާގާގެ މުހައްމަދު މުސްރާތީ ލީޑުނަގާފައިވަނިކޮށް ލެސްޓާ އަށް އެއްވަރުކޮށްދިނީ ހާވީ ބާންސްއެވެ. ޕައުލީނިއޯ ބްރާގާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފައިވަނިކޮށް ލޫކް ތޯމަސް އަނެއްކާ ވެސް ލެސްޓާ އަށް އެއްވަރުކޮށްދިނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ރޮޑްރިގޭޒް ބާބޯސާގެ ގޯލުން ބްރާގާ އަނެއްކާ ވެސް ލީޑުނަގާފައިވަނިކޮށް މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ހުއްޓަ ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް މެޗުގައި ތިން ވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ.

ރޭގައި ލެސްޓަރގެ ލަނޑުޖެހި ލޫކް ތޯމަސް ވެފައިވަނީ ޔޫރަޕުގައި އެޓީމަށް ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި ވާޑީ ވެފައިވަނީ އެކަލުބަށް ޔޫރަޕުގައި ލަނޑުޖެހި އެންމެދުވަސްވީ ކުޅުންތެރިޔާއަށެވެ. ރޭ މިގުރޫޕްގައި ޔޫކްރެއިންގެ ޒޯރްޔާ ލުހަންސް ވަނީ ރޭ ގްރީސްގެ އޭއީކޭ އެތަންސް އަތުން 3-0 އިން މޮޅުވެފައެވެ.

މި ނަތިޖާއެކު ލެސްޓާ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ބްރާގާ ދެވަނައިގަ އޮތީ 7 ޕޮއިންޓާއެކުގައެވެ. އޭއީކޭ އެތެންސް ތިންވަނައިގަ އޮތީ ތިންޕޮއިންޓާއެކުގައެވެ. ފުލުގައި އޮތް ޔުކްރޭންގެ ޒޯރްޔާ ލުހަންސް ވެސް ވަނީ މިއަދަދަށް ޕޮއިންޓް ހޯދައިފައެވެ.