ކުޅިވަރު

ޓޮޓެންޙަމް މޮޅުވެ ދެވަނަ ބުރަށް ކޮލިފައިވުމާ ގާތަށް


ޔޫރަޕާ ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތު ދެވަނަ ބުރަށް ކޮލިފައިވުމާ ފިޔަވަޅަކާ ގާތަށް ޓޮޓެންހަމް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޓޮޓެންހަމް ކާމިޔާބުކުރީ ބަލްގޭރިޔާގެ ލުޑްގޮރެޓްސް ރަޒްގާޑްއާ ވާދަކޮށް 4-0 ލަނޑުންނެވެ. މެޗުގައި ޓޮޓްނަމްއަށް ކާލޯސް ވިނިޝިއަން ދެލަނޑު ކާމިޔާބުކޮށްދިން އިރު އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ހެރީ ވިންކްސް އާއި ލޫކަސް މޯރާއެވެ.

މި ސީޒަންގައި އަލަށް ޓޮޓެންހަމްއާ ގުޅުނު ވިނިޝިއަސް ވަނީ ހުސްވި ސީޒަންގައި އޭނާގެ ކުރިން ކުޅުނު ކުލަބް ބެންފީކާއަށް 24 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ސީޒަންގެ މުބާރާތުގައި ވިނިޝިއަސް ވަނީ ޓޮޓެންހަމްއަށް ހަތަރު ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ރޭގެ މެޗުގައި ލުޑްގޮރެޓްސް އިން މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު އެޓީމަށް އެންމެ ހަމަލާއެއް ވެސް ޓޮޓެންހަމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ.

މިއީ 2018 ވަނައަހަރުފަހުން ހުރިހާ މުބާރާތެއް އެއްކޮށް ސީޒަންގެ ވިދިވިދިގެން ޓޮޓެންހަމް މޮޅުވި ފަސްވަނަ މެޗެވެ. ޔޫރަޕާ ލީގު ރީބްރޭންޑް ކުރިންފަހުން މުބާރާތުގައި މިހާތަނަށް އަމިއްލަ ދަނޑުގައި ކުޅުނު 26 މެޗުން ޓޮޓެންހަމް ވަނީ 25 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޭގައި މި ގުރޫޕްގައި ލާސްކް އާއި ރޯޔަލް އެންޓްވާޕް ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ އެންޓްވާޕްއެވެ. މި ނަތީޖާއެކު އަންނަ ބުރާސްފަތި ދުވަހުގެރޭ އޮސްޓްރިޔާގެ ލާސްކްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ޓޮޓްނަމްއަށް މުބާރާތުގެ ދެވަނަބުރަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ.

ރޭގެ ހޯދި މޮޅާއެކު ޓޮޓެންހަމުން ވަނީ ހަތަރުމެޗުން 9 ޕޮއިންޓް ހޯދާފައެވެ. ހަމަހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން އެންޓްވާޕް ކުރީގަ އޮތީ ހެޑް ޓު ހެޑުން ކުރި ހޯދައިގެންނެވެ. ލާސްކް އަށް ލިބެނީ 6 ޕޮއިންޓެވެ. ލުޑްގޮރެޓްސް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބެއެވެ.