ޚަބަރު

ރައީސް ފެލިވަރަށް ޒިޔާރަތްކުރައްވާ ފިޝަރީޒް ކޮމްޕްލެކްސް ބައްލަވައިލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކި ސަރަޙައްދުތައް ބައްލަވާލައްވައިފިއެވެ.

އެ މަނިފާނު ފެލިވަރަށް ވަޑައިގެންނެވީ، ފާދިއްޕޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލައްވާފައިވެއެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ ތަން ވެސް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެލިވަރުގައި މިހާރު މަސްގަނެ ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު ބައްލަވާލައްވައި، މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މިހާރު ބޭނުންކުރާ ކޯލްޑް ސްޓޯރޭޖް ހުރި ޢިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. އަދި، މި ސްޓޯރޭޖްގެ އައިސް އުފައްދާ މިންވަރަކީ މިހާރަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫން ކަމުން، އިތުރަށް އައިސް އުފެއްދުމަށް ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ބޭނުންވެފައެވެ.

ފެލިވަރަށް ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެ ވަގުތު ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުން ފިލުއްވާފައެވެ. މި ގޮތުން، މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދާކަން ހާމަކުރައްވައި އެ މައްސަލަތައް ހައްލުކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އެ މަނިކުފާނު ފެލިވަރަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ޅ. މާފިލާފުށްޓަށް ޒިޔާރަތްކުރައްވާ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާފިލާފުށީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވާފައެވެ.