ދުނިޔެ

ޖަރުމަނުގައި އަޅާފައިވާ ފިޔަވަޅުތައް އަންނަމަހާއި ހަމައަށް ދަމަހައްޓާނެ


ކޯވިޑާއި ދެކޮޅަށް ޖަރުމަނުވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓާ ހަރުކަށިކުރުމަށް އެ ޤައުމުން ނިންމައިފިއެވެ.

ޖަރުމަނުވިލާތުގެ 16 ފެޑެރަލް ސްޓޭޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަ މަހުގެ 20ވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް ސްޓޭޓުތަކުގެ އިސްވެރިން ހުށަހެޅުއްވި ހުށަހެޅުމަށް އެ ޤައުމުގެ ޗާންސެލަރު އަންޖެލާ މާކެލްވަނީ ރުހުން ދެއްވާފައެވެ. ފިޔަވަޅުތަކަށް ލުއި ދޭނެ އެންމެ އަވަސް ތާރީހުގެ ގޮތުގައި ޑިސެމްބަރ މަހުގެ 20ވަނަ ދުވަސް ކަނޑައަޅާފައި ވީނަމަވެސް ޖަނަވަރީ މަހުގެ ވަކި ހިސާބަކާއި ހަމައަށް ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ބެލެވެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން މާކެލް ވިދާޅުވީ މިއީ ޤައުމުގެ ޙާލަތު އެއްކޮށް ރަނގަޅުވެފައިވާކަމަށް ނިންމަންވީ ވަގުތު ނޫންކަމަށެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ތެރޭގައި އެ ޤައުމުގައި ފާހަގަކުރާ ޢީދަކާއި ދިމާކޮށް ބައެއް ލުއިތައް ދިނުމަށް ހަމަޖެހިފައިވާކަމަށް މާކެލް ވިދާޅުވިއެވެ. މާކެލް ވިދާޅުވީ ބަލިޖެހޭ މީހުންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންގޮސް މިހާރު އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށެވެ. ނަމަވެސް އެވަރުން ފުއްދާލައިގެން ތިބެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގައި މިހާތަނަށް 983،731 މީހުންނަށް ކޯވިޑް-19ޖެހި 15،381 މިހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުން 20،825 މީހުންނަށް ބަލިޖެހި 416 މީހުން މަރުވެފައިވާއިރު އެއީ އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން އެ ޤައުމުގައި މަރުވި ޢަދަދެވެ.

ވިލާތުގެ ޤައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑްގެ ދެވަނަ ރާޅު ފެތުރުން ހުއްޓުވުމަށް ޖަރުމަނުވިލާތުންވަނީ ނޮވެމްބަރު މަހުގެ 2ވަނަ ދުވަހުގައި ލުއި ފުރަބަންދެއް ޤާއިމްކޮށްފައެވެ. އެގޮތުން ރެސްޓޯރަންޓުތަކާއި ކެފޭފަދަ ތަންތަންވަނީ ބަންދުކޮށްފައެވެ. ނަމަވެސް މަދަރުސާތަކާއި ފިހާރަތައް ބަންދުކޮށްފައެއް ނުވެއެވެ.

ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްފަހަރާ އެއްވެ އުޅޭވޭނީ އެންމެ ގިނަވެގެން ފަސް މީހުންނަށެވެ. ޗުއްޓީއާއި ދިމާކޮށް ކުޑަކުދިން ނުހިމެނޭގޮތަށް އެ ޢަދަދު ދިހައަކަށް އިތުރުކުރާނެއެވެ. އެ ލުޔާއިއެކު ޗުއްޓީ ތެރޭގައި އާއިލާ މެންބަރުންނާއި ބައްދަލުކުރުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ބައްދަލުކުރާ މީހުންގެ ޢަދަދު މަދުކުރުމަށް ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ.