ޚަބަރު

ކެންސަލްވެފައިވާ ފްލައިޓުތަކަށް ޚާއްސަ ސަރވިސް ކައުންޓަރުތަކެއް!


  • ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިން

  • އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް ނާދޭ

މެދުއިރުމަތީގެ ވައިގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާއި ގުޅިގެން، ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއަރލައިންތަކަށް ޚާއްސަ ސަރވިސް ކައުންޓަރުތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި ޤާއިމުކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

މެދު އިރުމަތީގެ މަސްރަޙު ހޫނުވެ، ދަތުރުފަތުރަށް ބުރުއެރުމާއި ގުޅިގެން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން 28 ފެބުރުވަރީ 2026 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރެވި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި ޑޮމެސްޓިކް ޓަރމިނަލް މިހާރު ބޭނުންކުރަމުންދާކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އަދި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު، ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާގުޅިގެން 28 ފެބްރުއަރީ 2026 ގައި ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވެއެވެ. 1 މާރިޗު 2026 ގައި 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވެއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ވިޒިޓް މޯލްޑިވްސްއާއި އެއަރލައިންތަކުގެ އިތުރުން ޓުއަރ އޮޕަރޭޓަރުންނާއި ގުޅިގެން، ފަސިންޖަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އެގޮތުން ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއަރލައިންތަކަށް ޚާއްސަ ސަރވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި ޤާއިމުކޮށް، ފަސިންޖަރުންނަށް އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެއަރލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުން އަންނަކަން އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.

ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންނަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމުގެ ޔަޤީންކަން އެމްއޭސީއެލްއިން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.