ރާއްޖެއިން މިއަދު އިތުރު 52 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 45 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި ރިސޯޓްތަކުން 7 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެއެޖެންސީން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 52 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،810 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 45 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،660 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް ފެނުނުތާ 262 ދުވަސްވެފައި ވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 46 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ. އެއީ 38 ދިވެހިންނާއި، 8 ބިދޭސީންނެވެ.
ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1097 އަށް އަރާފައިވާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 95 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1851 ސާމްޕަލެއް ނަގާފައިވާއިރު، ރިޕީޑެޓް ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ މުޅި ޖުމްލަ 234،712 ސާމްޕަލެއް ރާއްޖޭގައި ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 14 ރަށަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައި ވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 7 ދިވެއްސަކަށާއި، 7 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.