ޚަބަރު

"އީ.ޕީ.އެސް ހަނދާން" މަޖައްލާގެ ކޮޕީއެއް ރައީސްއަށް ހަދިޔާކުރައްވައިފި


އީޕީއެސް ސްކޫލް އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީ.ޕީ.އެސް.އެސް) އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީ.ޕީ.އެސް. ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް އެމަނިކުފާނަށް ހަދިޔާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި މިމަޖައްލާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުއްވާފައިވަނީ އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛު އަޙްމަދު ޙަމްޒާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނަށް "އީ.ޕީ.އެސް. ހަނދާން" މަޖައްލާގެ ކޮޕީއެއް ހަދިޔާކުރައްވާފައިވާތީ، އީ.ޕީ.އެސް. ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ މަދަރުސާގެ ހަނދާންތައް އައުކުރުމަށާއި، އެ މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި އީ.ޕީ.އެސް. ފައުންޑޭޝަންގެ އިސްވެރިން ވަނީ، އެ މަދަރުސާ އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތުގައި ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހުރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛް ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އީ.ޕީ.އެސް. ސްކޫލްގެ ގެ ފަރާތުން އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސްގެ އިތުރުން އެ ފައުންޑޭޝަންގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.