ފަޤީރު ޤައުމުތަކަށް ބޭނުންވާވަރަށް ވެކްސިން ނުލިބިދާނެކަމުގެ ބިރު އެބައޮތްކަށް ޖަރުމަނުވިލާތުން ބުނެފިއެވެ.
ޖަރުމަނުވިލާތުން މިހެން ބުނެފައި ވަނީ ކޯވިޑް-19ގެ ވެކްސިނާއި ފަރުވާގެ ވަސީލަތްތައް އިންސާފުވެރިކަމާއެކު ބެހުމަށް ޖީ-20ގެ ޤައުމުތަކުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 އިޤްތިޞާދު އޮތް، ޖީ-20ގެ ޤައުމުތަކުން ވަނީ ވަސީލަތްތައް ބެހުމުގައި އެންމެ އިސްކަމެއް ދޭނީ ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ފަޤީރު ޤައުމުތަކަށްކަމަށް އެއްބަސްވެފައެވެ.
މި އެއްބަސްވުމުގައި ދެކެވިފައިވާ ވާހަކަތަކަކީ، ވަރަށް އުންމީދީ ވާހަކަތަކެއްކަން ފާހަގަކުރައްވާ ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ވަނީ މިކަން އަމަލީގޮތުން ފެންނަމުން ނުދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިކަމަކީ މުއްސަނދި ޤައުމުތަކުން މާބޮޑުކަމަކަށް ނުހަދާ ދޫކޮށްލެވެން ނެތްކަމެއްކަން ފާހަގަކުރައްވާ އެންގެލާ މާކެލް ވަނީ މި ބަލިމަޑުކަމުން ދުނިޔެއަށް އަރައިގަނެވޭނީ އެންމެންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރެވިގެންކަމަށެވެ.
ސިއްޙީ ވަސީލަތްތައް ހަމަހަމަކޮށް ބެހުމަށް އެކުލަވާލަންޖެހޭ އުސޫލުތައް ހެދުން ލަސްކަން ފާހަގަކުރައްވާ ޖަރުމަނުވިލާތުގެ ޗާންސެލާ ވަނީ ފަޤީރު ޤައުމުތަކަށް ބޭނުންވާވަރަށް ވެކްސިން ޔަޤީބްކޮށްދިނުމަށް ދުނޔޭގެ ވެކްސިން އެލަޔަންސް ގަވީއާއި މަޝްވަރާކުރުމަށް ރާވަމުންދާކަމަށެވެ. މި ބައްދަލުވުންތަކުގައި މި މަސައްކަތް ހަލުވިކުރުމަށް ގޮވާލާނެކަމަށް އެންޖެލާ މާކެލް ވިދާޅުވިއެވެ.
ދެ ދުވަހަށް ދެމިގެންދިޔަ ޖީ-20 ޤައުމުތަކުގެ މި ބައްދަލުވުމުގައި ކޯވިޑްގެ ސަބަބުން ލިބުނު އިޤްތިޞާދީ ގެއްލުމުން އަރައިގަތުމަށް ގިނަ ޕްލޭންތަކެއް ހުށަހަޅާ މި ޕްލޭންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އެގޮތުން އަންނަ އަހަރު ޖީ-20ގެ ޤައުމުތަކުން އެންމެ ބޮޑަށް އިސްކަންދޭނެ ކަންކަމާއި މެދުވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ވާރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި ޖީ20ގައި ހިމެނޭ ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން ވަނީ ޖީ20ގެ ޤައުމުތަކުން ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ ޚަރަދު އިތުރުކުރުމަށް ގޮވާލާފައެވެ. އެގޮތުން ކޯވިޑް-19 ޓޫލްސް، އޭސީޓީ އެކްސަލަރޭޓަރއަށް 4.5 ބިލިއަން ޑޮލަރު ޚަރަދުކުރުމަށް ޖީ20ގެ ޤައުމުތަކަށް ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ އަރްސެލާ ވޮންޑަލޭން ވަނީ ގޮވާލައްވާފައެވެ. މި ޤައުމުތަކަކީ ކޯވިޑްގެ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތައްކަމަށްވާއިރު، ކޯވިޑްގެ ވެކްސިނާއި ފަރުވާގެ ވަސީލަތްތައް އިންސާފުވެރިކަމާއެކު ބެހުމަށް ވަނީ ގޮވާލާފައެވެ.
މި ބައްދަލުވުމުގައި ޤައުމުތަކުން ވަނީ އެ ޤައުމުތަކުން މި ދަނޑިވަޅުގައި ފޯރުކޮށްދޭނެ ވަކިވަކި އެހީގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ވަނީ 592 މިލިއަން ޑޮލަރު ޚަރަދުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވަނީ އެ ޤައުމުން ތަޙުލީލުކުރަމުންދާ ވެކްސިން އިންސާފުވެރިކަމާއެކު ބަހާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރަޝިއާއިން ވަނީ އެ ޤައުމުން އިތުރު 2 ވެކްސިނެއް ތަޙުލީލުކުރަމުންދާކަންވެސް ހާމަކޮށްފައެވެ. މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ އެ ޤައުމުން އުފައްދާފައިވާ ޒަމާނީ ވަސީލަތްތަކާއި އެ ޤައުމުން ތަޙުލީލުކުރަމުންދާ ވެކްސިން އިންސާފުވެރިކަމާއެކު ބަހާނެކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެމްބަރު ޤައުމުތަކުގެ ވެރިންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މި ޙާލަތުން އަރައިގަތުމަށް އެންމެން އަތުގުޅާލުމަށް ގޮވާލައްވާފައެވެ.