ކުޅިވަރު

ބަޔާންމިއުނިކް އެއްވަރުވެ ލީގުގެ ކުރީގައި ފަރަގު ކުޑަވެއްޖެ


ޖަރުމަނު ބުންޑަސްލީގާގައި ބަޔާން މިއުނިކް ކުޅުނު މެޗު އެއްވަރުވެ ރޭ ޑޯޓްމަންޑް މޮޅުވުމުން ލީގުގެ ކުރީގައި ފަރަގު ކުޑަވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބަޔާން އެއްވަރުވީ ވާޑާ ބްރޭމަންއާ ވާދަކޮށް 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ބްރޭމަންއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަހާފްގެ ފަހުމިނިޓުގައި މެކްސްމިލިއަން އެގަސްޓިއަންއެވެ. ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދިނީ 62 ވަނަ މިނިޓުގައި ކިންގްސްލީ ކޯމަންއެވެ. މިއީ މިސީޒަނުގައި އޭނާގެ ތިންވަނަ ލަނޑެވެ.

ރޭ ލީގުގައި ވާދަވެރި ބްރޫޝިޔާ ޑޯޓްމަންޑް މޮޅުވުމުން ވަނީ ލީގުގައި ކުރީގައިވާ ބަޔާންއާ ޕޮއިންޓަކާ ގާތަށް ޖެހިލާފައެވެ. ރަށުން ބޭރުގައި ޑޯޓްމަންޑް މޮޅުވީ ހާތާބާލިންއާ ވާދަކޮށް 5-2 ލަނޑުންނެވެ. މެޗުގައި ޑޯޓްމަންޑްގެ އާލިން ހާލަންޑް ވަނީ ހަތަރުލަނޑު ކާމިޔާބުކޮށްފައެވެ. މި ހަތަރުލަނޑާއެކު އޭނާ އެންމެފަހުން މި ސީޒަންގައި ކުޅުނު 17 މެޗުން ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ. ޑޯޓްމަންޑްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރަފޭލް ގުއިރެރޯއެވެ. ބާލިންގެ ދެލަނޑުވެސް އެޓީމަށް ކާމޔާބުކޮށްދިނީ މެތުއަސް ކުންހާއެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑްގެ ޖަރުމަނު ޒުވާން ކުޅުންތެރިޔާ ޔޫސޮޕާ މޮއެކޮކޯ ވަނީ އުމުރުން 16 އަހަރުގައި ކުޅެން ނުކުމެ ޖަރުމަނު ލީގުގައި ކުޅެން އެރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކެމަރޫން އަށް އުފަން ޖަރުމަނު ޒުވާން ކުޅުންތެރިޔާ ވަނީ ޔޫތްލެވަލްގައި ކުޅުނު 88 މެޗުން 141 ލަނޑު ކާމިޔާބުކޮށްފައެވެ. ރޭގައި ލީގުގައި ބަޔާ ލެވަކޫސަން ވަނީ އަރްމީނިޔާ ބެލަފެލްޑް އަތުން 2-1 މޮޅުވެ ލީގުގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ.

ރޭގަ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވުލްވްސްބާގް ޝާލްކޭ އަތުން ވަނީ 2-0 ލަނޑުން މޮޅުވެފައެވެ. މޮންހަލްބަޗް އާއި އެގޮސްބާގް އެއްވަރުވިއިރު ހޮފެންހަމް އާއި ސްޓުޓްގާޓް، އެންޓްރެޗް ފްރޭންކްފާޓް އާއި ލީޕްޒީގް ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ނަތީޖާއެކު ބަޔާން އެއްވަނައިގައި އޮތީ 19 ޕޮއިންޓާއެކުގައެވެ. ދެވަނައިގައިވާ ޑޯޓްމަންޑް އާއި ތިންވަނައިގައިވާ ލެވަކޫސަންއަށް ލިބޭނީ 18 ޕޮއިންޓެވެ. މިދެޓީމަށްވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ލީޕްޒީގް އޮތީ ހަތަރުވަނައިގައެވެ.