ވިޔަފާރި

މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %41 ދަށްވެއްޖެ


މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ 41 އިންސައްތަ ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 174 މިލިއަން ރުފިޔާއެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހު މިއަދަދު އުޅުނީ 295 މިލިއަނުގައެވެ.

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާއިރު މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މި އަހަރުގެ އޮކްޓޯބަރު މަހު 2.1 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައެވެ. އެހެންކަމުން މިއީ 51 އިންސައްތައިގެ ދަށްވުމެކެވެ.

އިމްޕޯޓް އަދި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވިނަމަވެސް މިދިޔަމަހު އެކްސްޕޯޓް ވަނީ 5 އިންސައްތަ މަތިވެފައެވެ. މިދިޔަމަހު ރާއްޖެއިން 305 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 289 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމުތަކަކީ އޮމާނާއި އިންޑިއާ ޗައިނާ، ސިންގަރޫޕު އަދި އިނގިރޭސިވިލާތެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި އެމެރިކާއަށްކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.