ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ބޯޓުތަކަށް ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމުގައި ކަސްޓަމްސްއިން ބައެއް ހުއްދަތައް ނަގަންޖެހޭތީ އެކަމާއި ބެހޭގޮތުން ކަސްޓަމްސް އަދި ފިޝަރީޒް މިނިސްޓްރީން މަޝްވަރާކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ކަސްޓަމްސްއާއިއެކު ބޭއްވެވި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ 2 އިދާރާއިން ގުޅިގެން މިކަމުގައި މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުންކަމަށެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ވަރަށް ފުޅާދާއިރާއެއްގައި އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްއެވެ. މީގެއިތުރުން ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަދި އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލްވެސް ވަނީ ބައިވެރިވެވަޑައިގަނެފައެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައިވަނީ ސްޓޭޓް މިނިސްޓަރ ހަސަން ރަސީދުއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ބޭރުގެ ބޯޓުފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހި މަސްވެރިންގެ އަތުން މަސްގަތުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގަވައިދެއް އެކުލަވާލަމުން އަންނަކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެކެވެ.
މި ގަވާއިދުގެ ދަށުން ބޭރުގެ ބޯޓުތަކަށް ހުއްދަ ދޭނީ ވަކި ޙައްސަ ކަންކަމަކަށް ބެލުމަށްފަހުގައެވެ. ހުއްދަ ދޫކުރާނީ 1 އަހަރުގެ މުއްދަތަކަށެވެ. އަދި އުޅަނދުތައް ހަރަކާތްތެރިވާނީ ކަނޑައެޅޭ ވަކި ޒޯންތަކެއްގައިކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
ބޭރު ބޯޓުތަކަށް މަސް ގަތުމަށް ލައިސަންސް ދޫކުރާއިރު ޝަރުތެއްގެ ގޮތުގައި މަސް ގަނެފައި ވަގުތުން ފައިސާ ދިނުން ހިމަނާނެއެވެ. ބޯޓުތަކަށް މަސް ގަނެވޭނީ މިނިސްޓްރީން ހުއްދަ ދީފައިވާ މަސްވެރިންގެ އަތުން އެކަންޏެވެ. މަސް ގަންނަ ގޮތުގެ މައުލޫމާތު ކޮންމެ ދުވަހަކު މިނިސްޓްރީއާއި ހިއްސާކުރަންޖެހޭއިރު، ބޭރުގެ ބޯޓުގައި ޓްރެކިން ޑިވައިސްއެއް ހަރުކޮށް އޮބްޒާވަރެއް ބަހައްޓާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.