އަންނަ އަހަރުވެސް ތެރޭގައި ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 ބިދޭސީން ފޮނުވާލުމަކީ އަމާޒެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެއްކަމަށެވެ. އެގޮތުން މި ޕްރޮގުރާމް އަންނަ އަހަރުގެ ތެރޭގައިވެސް ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު މިހާތަނަށް ބަންގްލަދޭޝް މީހުންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ 7000 އަށްވުރެ ގިނަ މީހުންނާއި ސައްހަ ލިޔެކިޔުން އޮތް މީހުންގެ ތެރެއިންވެސް އަނބުރާ ގައުމަށް ދާން ބޭނުންވާ 8000 މީހުން ގައުމަށް ފޮނުވާލާފައިވާކަމަށެވެ. މިއަހަރުގެ ތެރޭގައި އަލަށް ރާއްޖެ އައި ބަންގްލަދޭޝް މީހުންގެ އަދަދަކީ 2000 ކަމަށްވެސް. މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވ މިއަހަރު އަމާޒުހިފީ 20،000 ބިދޭސިން ފޮނުވާލުމަށް ނަމަވެސް ކޯވިޑް19 ގެ ސަބަބުން މި މަސައްކަތައް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށާއި އަދި އަންނަ އަހަރު އަމާޒަކީ ގަވައިދާ ހިލާފަށް އުޅޭ 20،000 މީހުން ފޮނުވާލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޖުމްލަ 15000 މީހުން މިއަހަރު ތެރޭގައި ގޮއްސި. އިތުރުވީ 2000. އެހެންވީމަ މީގެ ޖުމްލަ އަދަދަކީ އަޅުގަނޑުމެންގެ އެއޮތް އާބާދީގެ ތެރެއިން 13000 މިހާރު މަދުވާނެއޭ މިދިޔަ އަހަރަށްވުރެ. ޑޮކިއުމަންޓްތޯ އަންޑޮކިއުމަންޓްތޯ އަޅުގަނޑުމެން ނުބަލަން ދާންބޭނުންވީމަ ފޮނުވާލަނީ. މިއަންނަ އަހަރުގެ ޓާގެޓަކީ އަނެއްކާވެސް 20،000 މަދުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ޢަދަދު ފަސްދޮޅަސް ހާހަށް ވުރެ ގިނަ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ގަވާއިދާ ޚިލާފަށް ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެ އިޖުތިމާޢީ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.
ބިދޭސީންގެ މައްސަލަ ބޮޑުވެ މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ އެމީހުން ނިސްބަތްވާ ޤައުމުތަކާ ގުޅިގެން އެމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންނެވެ. އަދި ރާއްޖެއަށް އެތެރެވުމުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ބިދޭސީންގެ ކަންކަން ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސާ އެކަމަށް ޚާއްސަ އުސޫލުތައް އަންނަނީ އެކުލަވާލަމުންނެވެ.