ވިޔަފާރި

ކުރިއަށްއޮތް 3 މަހު އިތުރު 15 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ- އެމްއޭސީއެލް


ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި 15 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، ރާއްޖޭގެ އިޤްތިޟާދު ކުރިއަރާނީ ގިނަ އެއަރލައިންތަކަކުން ރާއްޖެ އައިސް ފަތުރުވެރިކަން ރަނގަޅަށް ފަށައިގަނެވިގެންކަމަށެވެ. މިހާރުވެސް ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު މިމަހާއި އަދި ކުރިއަށްއޮތް 3 މަސްދުވަހުވެސް ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރު ފެށުމަށް ތާވަލްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެތެރޭގައި މުޅިން އަލަށް ރާއްޖެ ދަތުރު ފަށާ އެއަރލައިންތަކާއި ކުރިން ދަތުރުތައް ބާއްވަމުންދިޔަ އެއަރލައިންތައް ހިމެނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އައު އެއަރލައިންތަކާއި މެދުކެނޑިފަ ހުރި އެއަރލައިންތައް ވަރަށް ބޮޑަށް އެބަ އިތުރުވޭ. ނޮވެމްބަރ މަހަށް ޝެޑިއުލް ބަލާލާއިރު ގޯއެއަރ މިވަނީ ފައްޓާފަ. އަޒުރު އެއަރ އެއީ ރަޝިއާއިން އަންނަ ޗާޓަރ ފްލައިޓެއް. ނޯޑްވިންޑް ތަންކޮޅެއް ހައި ކްލާސް ޗާޓާއެއްވެސް މިވަނީ ނޮވެމްބަރ ގައި ފައްޓާގޮތައް ހަމަޖެހިފައި. ޑިސެމްބަރ ގައިވެސް ވަރަށް އުޖާލާ މަންޒަރެއް މިފެންނަނީ. ވަރަށް ގިނަ އެއަރލައިންތައް އެބައުޅޭ. އޭގެތެރޭގައި ޔޫކްރޭނިއަން އެއަރލައިންސް، ސްޕައިސްޖެޓް، ގަލްފް އެއަރ، އެއަރ ފްރާންސް، އަލިޓާލިއާ، އެއަރ އޭޝިއާ، ސިލްކް އެއަރ މިކަހަލަ އެއަރލައިންތައް އެބަހުރި ޝެޑިއުލްކޮށްފަ. ދެން ޖެނުއަރީމަހު ކެތޭޕެސިފިކް، ޗައިނާ ސަދަން، ސައުދީ އެރޭބިއަން އަދި މިއަންނަ ފެބްރުއަރީ މަހު މިއޮތީ ސިންގަޕޯ އެއަރލައިން ފައްޓާގޮތައް." އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ، ކޯވިޑް19 ގެ ސަބަބުން އޭވިއޭޝަން ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކޮށް، އެއަރލައިންތަކަށް އޭގެ ނޭދެވޭ އަސަރުކުރިކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އެއަރލައިންތަކުގެ ޝައުޤުވެރިކަން ރާއްޖެއަށް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިޔަކަމަށް އަރީފް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އަންނަ އެއަރލައިންތަކަށް ގްރައުންޑް ހޭންޑްލިންއާއި، ލޭންޑިން ޗާޖަސްގެ އިތުރުން ނެވިގޭޝަން ޕާކިން ޗާޖުން ބޮޑު ޑިސްކައުންޓެއް ދީފައިވާކަމަށް އަރީފް ވިދާޅުވިއެވެ.

"ޖޫންމަސް ތެރޭގައި އަޅުގަނޑުމެން އިއުލާންކުރީ ރާއްޖެއަށް އަންނަ އެއަރލައިންތަކަށް ވަރަށް ބޮޑު ޑިސްކައުންޓްތަކެއް ދޭނަމޭ. 3 ސްޓެޕްއަކަށް ބަހާލައިގެން އަޅުގަނޑުމެން ގްރައުންޑް ހޭންޑްލިންއާއި، ލޭންޑިން ޗާޖަސް، ނެވިގޭޝަން ޕާކިން ޗާޖަސް މިހުރިހައި ޗާޖަސްތަކަކުން %100 ޑިސްކައުންޓް އަޅުގަނޑުމެން މިދިނީ. 15 ޖުލައިން 31 އޮގަސްޓް އާއި ހަމައަށް ފެށި އެއަރލައިންތަކަށް 100 އިންސައްތަ ޑިސްކައުންޓް. 15 ޖުލައިން 27 އޮކްޓޯބަރ އާއި ހިސާބަށް ދަތުރު ފެއްޓި އެއަރލައިންތަކަށް އަޅުގަނޑުމެން %75 ޑިސްކައުންޓް. މި އޮކްޓޯބަރ މަހު ފެއްޓި އެއަރލައިންތަކަށް މިއަންނަ އަހަރުގެ މާރޗްއާއި ހިސާބަށް އަޅުގަނޑުމެން %50 ޑިސްކައުންޓް ދީފަވާނީ. މިއީ ވަރަށް ބޮޑު އެޓްރެކްޝަންއެއް އައު އެއަރލައިންތަކާއި އަދި ފެއްޓިފަ ހުރި އެއަރލައިންތައް ރިޒިއުމް ކުރުމަށް." އަރީފް ވިދާޅުވިއެވެ.

ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރޗް މަހުގެ ތެރޭގައެވެ. އަދި އަލުން ބޯޑަރު ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ. މިހާތަނަށް ބައިނަލްއަޤްވާމީ 14 އެއަރލައިނަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.