ޚަބަރު

ކޯވިޑް-19 : އިތުރު 26 މީހަކު ޕޮޒިޓިވް، ރަނގަޅުވީ 29 މީހުން


ރާއްޖެއިން އިތުރު 26 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 11822 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އިން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 21 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 5 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.

އަލަށް ޕޮޒިޓިވްވި 26 މީހުންގެ ތެރެއިން 21 މީހުންނަކީ ދިވެހިންނެވެ. އަނެއް 5 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11822 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 7530 ދިވެހިންނާއި، 4292 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 29 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10991އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ 786 މީހުން ތިބިއިރު އޭގެ ތެރެއިން 52 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. އަދި 185 މީހަކު މިވަގުތު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

ކޯވިޑް-19ގެ އެކްޓިވް ކޭގެ ގޮތުގައި މިވަގުތު ރާއްޖޭގެ 18 ރަށަކާއި 30 ރިސޯޓެއްގައި 46 ފަތުރުވެރިއަކާއި 127 މުވައްޒަފަކު ތިބި ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 38 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.