ޚަބަރު

ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާ ފޭރެން އުޅުނު މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި


ބޭންކަށް ޖަމާކުރުމަށް ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު މައްސަލައާއި ގުޅުންހުރި އިތުރު 3 މީހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހިނގި މި ޙާދިސާގައި ފޭރިގަންނަން މަސައްކަތް ކޮށްފައިވަނީ ރޫޓް ފިހާރައިން، ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ފައިސާއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން އާދީއްތަ ދުވަހާއި ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް 3 މީހަކު ގެންގޮސްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 20އަހަރާއި، 21އަހަރާއި 30އަހަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ވިދާޅުވީ މި 3 މީހުން ހައްޔަރުކޮށްފައިވަނީ، އެކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ތުޙުމަތުގައިކަމަށެވެ.
މި މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބައިތިއްބައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް 15ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި 3 މީހުން ހިމެނޭހެން މިހާތަނަށް މި މައްސަލާފައި ފުލުހުން ވަނީ 7 މީހަކު ހައްޔަރުކޮށްފައެވެ. މިދިޔަ މަހުގެ 31ވަނަ ދުވަހު ފުލުހުންވަނީ، މި މައްސަލައާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާއްމުކޮށްފައެވެ. މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށް ފުލުހުން ވިދާޅުވިއެވެ. މި 4 މީހުންގެ ބަންދަށްވެސް ކޯޓުންވަނީ 15 ދުވަސް ދީފައެވެ.

ރޫޓް ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން މަސައްކަތްކޮށްފައިވަނީ ދެ ސައިކަލެއްގައި އައި 4 މީހެކެވެ. މި މީހުން ހުއްޓުވާފައިވަނީ ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ގާޑާއި، ރޫޓްގެ މުވައްޒަފުނެވެ.