ވިޔަފާރި

ރިކަވަރީ ލޯނު ސްކީމް - ވިޔަފާރިތަކަށް 860.3 މިލިއަން ރުފިޔާ


ކޯވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 860.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ރިކަވަރީ ލޯނު ސްކީމްގެ ދަށުން ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށެވެ. އެސްޑީއެފްސީ އަދި ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް 860.3 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން ބީއެމްއެލްއިން ވަނީ މިހާތަނަށް 391 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައެވެ. އެއީ 551.8 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ.

ބީއެމްއެލްއިން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރާ މި ލޯންތަކަށް ކުރިމަތިލެވޭނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށެވެ.

"ރިކަވަރީ ލޯނު ސްކީމް" ގެ ދަށުން އެސްޑީއެފްސީ މެދުވެރިކޮށް ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދަކީ 308.5 މިލިއަން ރުފިޔާއެވެ. މީގެތެރޭގައި 1275 ވިޔަފާރިއަކަށް 291 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަމިއްލަ މަސައްކަތްކުރާ 583 ފަރާތަކަށް 17.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އެސްޑީއެފްސީން ލޯނު ދޫކުރާ ވަކިވަކި ދާއިރާތަކަށް ބަލާއިރު އެންމެ ގިނައަދަދަކަށް ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެއީ 188.2 މިލިއަން ރުފިޔާއެވެ. އިމާރާތްކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމަށްވެސް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.