ވިޔަފާރި

6 އަހަރުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަ އަހަރު


ފާއިތުވި 6 އަހަރުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ އަހަރުކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް 7.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މިދިޔަ އަހަރު 20 އަތޮޅަކުން މީރާއަށް ޖީއެސްޓީ ވަނީ ދައްކާފައެވެ. 2018 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އުޅުނީ 7.3 ބިލިއަން ރުފިޔާގައެވެ. އަދި 2014 ވަނަ އަހަރު ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 4.7 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މާލެއިންނެވެ. 2019 ވަނަ އަހަރު މާލެއިން އެކަނިވެސް ވަނީ 2.9 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ޖީއެސްޓީގެ ގޮތުގައި ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖީއެސްޓީގެ 38 އިންސައްތައެވެ. 2018 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި މާލެއިން ލިބިފައިވަނީ 2.7 ބިލިއަން ރުފިޔާއެވެ.

މާލެ ސަރަހައްދު ފިޔަވައި މިދިޔަ އަހަރު ދެން އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ މާލެ ނުހިމަނާ ކ. އަތޮޅުގެ އެހެން ރަށްތަކުންނެވެ. ކ. އަތޮޅުން 2019 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2018 ވަނަ އަހަރު ކ. އަތޮޅުން ޖީއެސްޓީގެ ގޮތުގައި ދައްކާފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު އެންމެ މަދުން ޖީއެސްޓީ ދައްކާފައިވަނީ ށ. އަތޮޅުންނެވެ. އެއީ ޖުމްލަ 6 މިލިއަން ރުފިޔާއެވެ. 2018 ވަނަ އަހަރު ށ. އަތޮޅުން ޖީއެސްޓީގެ ގޮތުގައި ދައްކާފައިވަނީ 10 މިލިއަން ރުފިޔާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖީއެސްޓީއަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއެކެވެ.