ޚަބަރު

އޮޑިޓް އޮފީހަށް 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި


އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލް އޮފީހަށް 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ އޮޑިޓް އޮފީހުގެ މިއަހަރުގެ ބަޖެޓަށް ވުރެ 33.8 މިލިއަން ރުފިޔާގެ އިތުރު ޢަދަދެކެވެ. އޮޑިޓް އޮފީހުގެ ބަޖެޓްގެ ގޮތުގައި މިއަހަރަށް ފާސްކޮށްފައިވަނީ 47.9 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހަށް ދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އަށްޑިހަ އެއްމިލިއަން ހަތްލައްކަ ނުވަދިހަ ފަސްހާސް ރުފިޔާގެ ބަޖެޓެކެވެ. މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ވޯޓަކުންނެވެ.

81.7 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓް އޮފީހަށް ދިނުމަށް ފާސްކުރި ނަމަވެސް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވާފައިވަނީ 104.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ދިރާސާކުރެއްވި މާލިއްޔަތު ކޮމިޓިން ވަނީ 23.1 މިލިއަން ރުފިޔާ އުނިކޮށްފައެވެ.

މަޖިލީހުން ފާސްކޮށްފައިވާ އޮޑިޓް އޮފީހުގެ ބަޖެޓް ރިޕޯޓްގައި ބުނެފައިވާގޮތުން އެއޮފީހުގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމުގެ ޚަރަދުގެގޮތުގައި 56.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ޕީއެސްއައިޕީގެ ގޮތުގައި 25 މިލިއަން ރުފިޔާ ވަނީ ކަނޑައަޅަފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.