ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަވުމުގައި ޝުކޫރު އިސްމެޖިސްޓްރޭޓްގެ މަޤާމުން ވަކިކުރުމަށް ނިންމާފަިއވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ޝުކޫރު ވަކިކުރުމާއި ދެކޮޅަށް ވޯޓް ނުދެއްވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެކަންޏެވެ. ޖޭއެސްސީން ވަނީ ޝުކޫރާއި ގުޅޭގޮތުން މައްސަލަތައް ބަލަމުންދާތީ އޭނާ 60 ދުވަހަށް މަޤާމުން ސަސްޕެންޑް ކޮށްފައެވެ.
ޖޭއެސްސީގެ ޤާނޫނުގައިވާ ގޮތުގެ މަތީން އަޙްމަދު ޝުކޫރު ސަސްޕެންޑްކޮށްފައިވާއިރު، އޭނާގެ މައްޗަށް ތަޙްޤީޤުކުރަމުންދާ މައްސަލަތަކުގެ ތެރޭގައި 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުގެ ޤާނޫނީ ވަކީލަކާއި އޭނާ ގއ.ވިލިނގިލީގައި ބައްދަލުކުރިކަމަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ހިމެނެއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ސީނާގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި މެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައިވެރިވެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ހަމަ އެއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި، ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްފައިވަނިކޮށް، "ދެން ގެނަޔަސް 15 ދުވަސް ޖަހާނެކަމަށް" އެމީހުންނާ ދިމާލަށް އަޙްމަދު ޝުކޫރު ބުނެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ހިމެނެއެވެ.
އަދި 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ގެއެއްގެ ތެރޭގައި މީހަކާ ދިމާއަށް "އަހަރެމެންކޮޅަށް ވޯޓު ލިބޭނެއޭ" ބުނެ ވަކި ސިޔާސީ ފިކުރަކަށް ތާޢީދުކުރާކަން ފާޅުކޮށްފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ތަޙްޤީޤުކުރަމުންދާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ޖޭއެސްސީން ވިދާޅުވީ އެ މައްސަލަތަކުގެ ތަޙުޤީޤަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ ބަޔާން ނަގައި މައްސަލައިގެ ތަޙްޤީޤު ކޮމިޝަނުން ކުރިއަށް ގެންދާކަމަށެވެ.