މިއަހަރުގެ މިހާތަނަށް 521 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާ ގުޅިގެން އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު ވަނީ ޙާޒިރުކޮށްފައެވެ. ކޮމިޓީގައި މެންބަރުން ވަނީ އެމްއެމްއޭއިން ޑޮލަރު ދޫކުރިނަމަވެސް އޭގެ ހެޔޮ އަސަރު ނުފެންނަކަމަށާއި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެންދާކަމަށް ވިދާޅުވެ ސުވާލުކުރައްވާފައެވެ.
މިސުވާލުތަކަށް ޖަވާބުދެއްވަމުން ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ ޑޮލަރުގެ ތާށިކަމަކީ އިޤްތިޞަދަށް އަންނަ ކޮންމެ ލޮޅުމެއްގައިވެސް ދިމާވާ މައްސަލައެއްކަމަށެވެ. އެކަން ޙައްލުކުރުމަށް އެމްއެމްއޭއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، ފޮރިންގ އެކްސްޗޭންޖު މާކެޓު އެމްއެމްއޭއިން މޮނިޓަރ ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަޑުމެންގެ ހިސާބަކުން ނުދައްކާ އަގު ބޮޑުކޮށް ޑޮލަރު ވިއްކާކަމަކަށް. މީގައި އަގު ބޮޑުކޮށް ޑޮލަރު ވިއްކާކަމަށް ޕްރޫވް ހޯދުން މިއީ ދަތިކަމެއް. އެކަމަށް ޕޮލިހާއެކު އިންވެސްޓިގޭޓްވެސް ކުރިން" ގަވަރުނަރު ވިދާޅުވިއެވެ.
މަޖިލިސް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ޑެޕިއޓި ގަވަރުނަރު އަޙްމަދު ޢިމާދު ވިދާޅުވީ ކޯވިޑް-19ގެ ޙަލަތާއި ގުޅިގެން އެމްއެމްއޭއިން އެންމެ އިސްކަންދެނީ ދައުލަތަށް ނުވަތަ ޤައުމަށް ބޭނުންވާ ޒަރޫރީ ކަންކަމށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށްކަމަށެވެ. އިމާދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 2019ވަނަ އަހަރު ދޫކުރި މިންވަރަށްވުރެ ގިނަ ޢަދަދަކށް މިއަހަރުގެ މިހާތަނަށް ޑޮލަރު ދޫކޮށްފައިވާކަަމށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 521 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށާއި، އެންމެ ގިނަ ޢަދަދަކަށް ޑޮލަރު ދޫކޮށްފައިވަނީ ކުންފުނިތަކަކަށްކަމަށެވެ. އަދި ބޭންކުތަކަށްވެސް ގިނަ ޢަދަދެއްގެ ޑޮލަރު ދޫކޮށްފައިވާކަން ޑެޕިއުޓީ ގަވަރުނަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 2019 ވަނަ އަހަރަށްވުރެ މާބޮޑަށްވެސް އަޅުގަނޑުމެން މުޅި މާކެޓަށް ޑޮލަރު އިންޖެސްޓްކޮށްފިން. ގަތްގަނޑަކަށް 521 މިލިއަން ޑޮލަރު އޯވަރޯލް މާކެޓް އިންޓަރވެންޝަން ގޮތުގައި އަޅުގަނޑުމެން އިތުރުކުރެވިއްޖެ. އޭގެތެރެއިން ބޮޑު ބައެއް ހިއްސާކޮށްފައި މިވަނީ އެސްއޯއީސްތަކަށް. އެކަންކަން އިތުރަށް ރަނގަޅުކުރުމަށް ސަޕްލައި އިތުރުކުރުމަށް އެބަހުރި ސްޓްރަކްޗަރަލް އިޝޫސްތަކެއްވެސް. މި މާކެޓް ބައްޓަންވެގެން އައިއިރުގަ ދައުލަތަށް މިލިބެނީ ދިވެހިރާއްޖެއަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް %20. އަނެއް %80 ފޮރިންގ އެކސްޗޭންޖު ސަޕްލައި މިއޮންނަނީ ފޮރިންގ ސެކްޓަރގެ އަތްމަތީގަ." ޑެޕިއުޓީ ގަވަރުނަރު އަޙްމަދު ޢިމާދު ވިދާޅުވިއެވެ.
ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާއާއި ދިވެހި ރުފިޔާ ލިކުއިޑިޓީގެ ދަތިކަން ހައްލުކުރުމަށް ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާރވް ރިކުއަޔަރމަންޓް (އެމްއާރްއާރް)ގެ ޢަދަދުވެސް އެމްއެމްއޭއިން މިހާރު ވަނީ ދަށްކޮށްފައެވެ. އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި ކުރިން ހުރި %10 މިހާރު ވަނީ %7.5އަށް ދަށްކޮށްފައެވެ. އަދި ޖުލައިމަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް %7.5އިން %5އަށް ދަށްކޮށްފައިކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.
ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.