ޚަބަރު

އދ. އަކީ ޤައުމުތަކުގެ މެދުގައި ސުލްހަ ގާއިމްކުރުމަށް މުހިންމު ދައުރެއް އަދާކުރާ ޖަމްޢިއްޔާއެއް - ރައީސް


އދ.އަކީ ތަފާތު ގޮންޖެހުންތަކާއެކުވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ސުލްހައާއި އަމާންކަން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމްޢިއްޔާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އދ. ރަސްމީކޮށް ވުޖޫދަށް އައިތާ 75 އަހަރު ފުރުނު މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ.އަކީ ތަފާތު ގޮންޖެހުންތަކާއެކުވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ސުލްހައާއި އަމާންކަން ޤާއިމްކޮށް ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްޖަމްއިއްޔާކަމަށެވެ. އަދި ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ޤައުމުތަކުގެ މެދުގައި އެއްރޫހެއް އދ.ގެ ބައިވެރިވުމާއެކު ފެނިގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އދ. ޤާއިމްކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެފަދަ ޙާލަތެއް ދެވަނަ ފަހަރަށް މެދުވެރިވިޔަ ނުދިނުމަށް ޤައުމުތަކުން އެކުގައި މަސައްކަތްކުރަން ފެށުނު ހިސާބުންނެވެ. އދ އުފެއްދީ ސުލްހަވެރިކަން ދެމެހެއްޓުމަށް އޭރު މަސައްކަތްކުރި ޖަމުޢިއްޔާ، ލީގް އޮފް ނޭޝަންސް ފޭލިވުމުން އޭގެ ބަދަލުގައެވެ.

އދ.ން މިހާރު ދަނީ މުޅި ދުނިޔެއާއެކު ނުރައްކާތެރި ކޯވިޑް-19 ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. 193 ޤައުމުގެ މައްޗަށް އެކުލެވޭ އދ.އަށް ނިސްބަތްވާ ޤައުމުތަކުން ކޯވިޑުން ސަލާމަތްވުމަށް އެކުގައި މަސައްކަތްކުރުމުގެ ރޫޙާއި އޭގެ އެދެވޭ ނަތީޖާ ދެއްކުމުގައިދަނީ ހުރަސްތަކާ ކުރިމަތިވަމުންނެވެ.