އޮންލައިން ސްްޓްރީމިންގެ ވާދަވެރިކަމުގައި ހިފަހައްޓާނުލެވި ދާދި ފަހުން ސްޓްރީމްކުރަން ފެށި ކުއިބީ ޕްލެޓްފޯމްގެ އޮަޕަރޭޝަން ހުއްޓާލަން ނިންމައިފިއެވެ.
2 ބިލިއަން ޑޮލަރުގެ ބޮޑު ސްޓާޓަޕްއަކާއެކު ފެށި ކުރު ފިލްމް ސްޓްރީމްކުރާ ކުއިބީ ލޯންޗްކޮށްފައިވަނީ މީގެ 6 މަސްކުރިން މިއަހަރުގެ އޭޕްރިލްމަހުގެ 6 ވަނަ ދުވަހުއެވެ.
ކުއިބީގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައިވާކަން މި ޕްލެޓްފޯމްގެ ފައުންޑަރ ޖެފްރީ ކެޓްޒެންބާރގް އަދި ސީއީއޯ މެގް ވިޓްމެން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ކެޓްޒެންބާގް އަދި ވިޓްމެން ވަނީ ކިއުބީގެ އިންވެސްޓަރުންނާއިއެކު ވީޑިއޯ ކޯލް ބައްދަލުވުމެއް ބާއްވާ ކުންފުނި މިހާރު ހިނގަމުންދަނީ ގެއްލުމުގައިކަމަށް ބުނެފައެވެ. މި މައްސަލަ ހައްލުކުރުމަށް ކުންފުނި ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސް ބެލުންތެރިން ގަޔާވާކަހަލަ ކޮންޓެންޓް އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް، އެކަށޭނަ ބަދަލެއް ނައުމުން އިތުރަށް މި ޕްލެޓްފޯމް ކުރިއަށް ނުގެންގޮސް އޮޕަރޭޝަން ހުއްޓާލަން ނިންމާފައިވާކަމަށް ކެޓްޒެންބާގް އިންވެސްޓަރުންނަށް ވަނީ މަޢުލޫމާތުދީފައެވެ.
10 މިނެޓަށްވުރެ ކުރު ފިލްތައް ހެދުމަށް ޚާއްސަކޮށްގެން ފެށި މި ވިޔަފާރި އާންމުންގެ މެދުގައި މަޤުބޫލުނުވުމަކީ މި ފިޔަވަޅު އެޅި މައިގަނޑު ސަބަބުކަމަށް ކިއުބީގެ އިސްވެރިން ވަނީ މި ބައްދަލުވުމުގައި ބުނެފައެވެ. މި ބައްދަލުވުމުގައި ކެޓްޒެންބާގް އަދި ވިޓްމެން ވަނީ ކުއިބީއިން މިހާރު އުފައްދާފައިވާ 100އަށްވުރެ ގިނަ ކޮންޓެންޓަށް ހަދަންވީ ގޮތަކާއިމެދުވެސް މަޝްވަރާކޮށްފައެވެ. މި ކޮންޓެންޓްތަކަކީ އާންމުންގެ މާބޮޑު މަޤުބޫލުކަމެއް ލިބިގެންގޮސްފައި ނުވާ އުފެއްދުންތަކެއް ކަމުން މި ކޮންޓެންޓް ވިއްކުމުގައި ކިއުބީއަށް ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ. އެގޮތުން ހުރިހާ ކޮންޓެންޓެއް އެއްފަހަރާ ހެޔޮ އަގެއްގައި ވިއްކުމަށް ކިއުބީއިން ތައްޔާރުވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.
އެމެރިކާގެ ލޮސްއެންޖެލިސްގައި ޤާއިމްވެފައިވާ ކުއިބީގެ އޮަޕަރޭޝަން އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ފެށުމާއެކު ގިނަ ބަޔަކު މި ޕްލެޓްފޯމްގެ ތަފާތު ކޮންޓެންޓާއި މެދު ޝައުޤުވެރިވެ ސަބްސްކްރައިބްކޮށްފައިވެއެވެ. ފުރަބަންދުގެ ޙާލަތުގައި ނެރުނު މި ޕްލެޓްފޯމްގެ 3.3 މިލއަން ސްބްސްކްރައިބަރުން ތިބި އިރު، އާންމުންނަށް ކަމުދާ ކޮންޓެންޓް ނުއުފެއްދި ޕްލެޓްފޯމްގެ ސަބްސްކްރިޕްޝަން ރޭޓް ޖުލައި މަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އެގޮތުން މިއަހަރުގެ ދެ ވަނަ ކުއާޓާއާއި އަޅާބަލާއިރު ތިންވަނަ ކުއާޓާގައި ސްބްސްކްރިޕްޝަން ރޭޓް ވަނީ 90 އިންސައްތައިން އަޑިއަޅާލާފައެވެ.
މަހެއްގެ މައްޗަށް 8 ޑޮލަރު ދައްކައިގެން ސްޓްރީމްކުރެވޭ މި ޕްލެޓްފޯމް އޮންލައިން ސްޓްރީމިންގްގައި ނާކާމިޔާބުވެފައި މިވަނީ ނެޓްފްލިކްސް، އެމަޒޯންގެ ޕްރައިމް ވީޑިއޯ އަދި ނެޓްފްލިކްސްފަދަ ޕްލެޓްފޯމްތައް ފުރަބަންދުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ދަނޑިވަޅެއްގައެވެ.