ޚަބަރު

ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަން އިޓަލީން ތައްޔާރުވަނީ


ބާބުލް މަންދަބު ކަނޑުއޮޅީގައި ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަމުންދާތީ، އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރުމަށް ކަނޑުގެ އަސްކަރީ މިޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަން ދިފާޢީ ވަޒީރު ގުއިދޯ ކްރޮސެއްތޯ ހާމަކުރައްވައިފިއެވެ. ކަނޑުމަގުން ކުރިމަތިވާ ނުރައްކާތަކަށް އިޖާބަދިނުމުގައި ލަސްވެއްޖެނަމަ އިޤުތިޞާދަށާއި ޢާންމު ރައްޔިތުންނަށް ސީދާ އަސަރުކޮށްފާނެ ކަމުގައި ކްރޮސެއްތޯ ވިދާޅުވިއެވެ. އަދި، އިޓަލީވިލާތުގެ އުޅަނދުތައް ރައްކާތެރިކަމާއެކު ދަތުރުކުރުން ކަށަވަރުކުރުމަށް ބޭނުންވާ ކޮންމެ ފިޔަވަޅެއް އެޅުމަށް ކަނޑުގެ ސިފައިން ތައްޔާރުކުރުމަށް އެ ޤައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފާއެކު އެއްބަސްވެފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.

ރަތް ކަނޑުގެ ދަތުރުފަތުރަށް އޮތް ބިރުވެރިކަން މި މަހު އިތުރުވެގެންދިޔައީ، ހުރްމުޒް ކަނޑުއޮޅިން މަގު ބަދަލުކޮށްފައިވާ ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ އެކްސްޕޯޓަށް ނުރައްކާވާ ގޮތަށް، ބާބުލް މަންދަބު ކަނޑުއޮޅިއަށް ވާގޮތަށް އޮންނަ ޔަމަނުގެ އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކުގެ ކޮންޓްރޯލް އީރާނާ ގުޅުން އޮންނަ ޙޫޘީ ޖަމާޢަތުން ނެގުމާ ގުޅިގެންނެވެ. އެ ޖަމާޢަތުން ވަނީ ޔަމަނުގެ އައްސޭރިފަށުގެ ބޮޑު ސަރަޙައްދެއްގެ ކޮންޓުރޯލި ނަގާފައެވެ.

ގޮތް ނިންމުމުގައި ދިމާވާ އިދާރީ ލަސްތަކުގެ ސަބަބުން މި ޙާލަތު އިތުރަށް ގޯސްވެ، ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރަން ދޫކޮށްނުލެވޭނެ ކަމުގައި ކްރޮސެއްތޯ ވިދާޅުވިއެވެ. ކަނޑުމަގުގެ ދަތުރުތަކަށް ބުރޫއެރުމަކީ މުދާ އުފުލުމުގެ ހަރަދު ބޮޑުވެ، މުދާ ލިބުން ލަސްވެ، އާއިލާތަކަށާއި ވިޔަފާރިތަކަށް އަގުތައް އުފުލޭނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އިޤުތިޞާދީ ކޮންމެ ހީނަރުކަމެއްގެ އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ އެންމެ ނިކަމެތިން ކަމަށާއި، މި ކަމުގެ ސަބަބުން އިޖުތިމާޢީ އެކުވެރިކަމާއި ޤައުމުގެ ހަމަޖެހުމަށް ނުރައްކާވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޑޭޓާ ކޭބަލްތަކާއި ހަކަތަ ގުޅުވައިދޭ ނިޒާމުތައް ހިމެނޭހެން ކަނޑުއަޑީގެ ވަސީލަތްތަކަށް އޮތް ނުރައްކާތައް ވެސް ކްރޮސެއްތޯ ފާހަގަކުރެއްވިއެވެ. އިޓަލީވިލާތް ފަދަ ކަނޑުތަކަށް ބަރޯސާވާ މިންވަރު ބޮޑު ޤައުމަކަށް ކަނޑުގެ ސަތަޙައާއި ކަނޑުގެ އަޑި ބަލަހައްޓައި ހިމާޔަތްކުރުމަކީ ޤައުމުގެ ސަލާމަތާއި ތަނަވަސްކަމާއި މުސްތަޤުބަލު ރައްކާތެރިކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ. މެދުއިރުމައްޗަށް ފޮނުވާނެ އަސްކަރީ ވަސީލަތްތަކުގެ ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް، ޤައުމީ މަޞްލަޙަތާއި އިޓަލީވިލާތުގެ ރައްޔިތުންގެ ސަލާމަތް ރައްކާތެރިކުރުމަށް ކަނޑުގެ ސިފައިން ސާބިތުކަމާއެކު ފިޔަވަޅު އަޅަމުންދާނެ ކަމުގައި ކްރޮސެއްތޯ ވިދާޅުވިއެވެ.