ޚަބަރު

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަންނަ މަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ބޭރުގެ ބައެއްމީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިންޑިއާއާއި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންކަމަށެވެ. އެހެންނަމަވެސް ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީޚެއް ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރައްވައެވެ.

މިއީ ފަހުގެ ތާރީހެއްގައި އެމެރިކާގެ ސްކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކީ އެޤައުމުގެ ޚަރިޖީ ކަންކަމާއި ގުޅޭގޮތުން ރައީސްއަށް ލަފާއަރުވާ އެންމެ އިސް ބޭފުޅާއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރައްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ދިވެހި ޚަރިޖިއްޔާއިން ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންގެ ދަރުފުޅުތަކާއި ގުޅޭ މަޢުލޫމާތު އެދަތުރުފުލެއްގެ ޝެޑިއުލް ހަމަޖެހުމުން ހާމަކުރައްވާނެކަމަށެވެ. ކޯވިޑާއި ގުޅިގެން ބަންދުކޮށްފައިވާ ބޯޑަރުތައް ހުޅުވާލާފައިވުމުން ރާއްޖެއާއި ގުޅުން ގާއިމްކުރެވިފައިވާ ކޮންމެ ޤައުމަކަށްވެސް މިސަރުކާރުން މަރުހަބާ ދަންނަވާކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ދެޤައުމުގެދެމެދުގައި އެކި ދާއިރާތަކުން ވަނީ ގުޅުން ބަދަހިކުރެވިފައެވެ.