އިތުރު 22 ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 11232 އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ހޯމަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 18 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން 4 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.
އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 22 މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިންނެވެ. އަނެއް 5 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11232 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 37 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،201އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 30 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 37 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރުމި ވަނީ ހާހަކަށްވުރެ ދަށަށްގޮސްފައެވެ. އެގޮތުން ރާއްޖޭގައި މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 987އެވެ. އަދި 354 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި އެޑްމިޓްކޮށްގެން 39 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި ށ. ފުނަދޫ ފެސިލިޓީގައި ފަރުވާދޭ އެކަކު ހިމެނެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1338 ސާމްޕަލެއް ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 18 ރިސޯޓެއްގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 71 ދިވެހިންނަށާއި، 4 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 16 ފަތުރުވެރިއަކާއި، 25 މުވައްޒަފަކު މިވަގުތު ޕޮޒޮޓިވްވެފައި އެބަތިބިކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.