ޚަބަރު

އައިއޭއެސްގެ ސީނިއަރ މުވައްޒަފުން އުސޫލާއި ޚިލާފަށް އިނާޔަތް ނުނެގުމަށް ކޮމިޓީން އިލްތިމާސްކޮށްފި


ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެލަވެންސެއް ނުނެގުމަށް އައިލެންޑް އޭވިއޭޝަންގެ ބޯޑަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ފާސްކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ހުރި މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓުގައިވަނީ އައިލެންޑް އޭވިއޭޝަނުން އެއްފަހަރާ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާއިރު ގިނަ ޕްރޮމޯޝަން ތަކަކީ މަޤާމެއް ހުސްވުމުން އެމަޤާމަށް މުވައްޒަފުން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އުސޫލާޚިލާފަށް ދީފައިވާ ޕްރޮމޯޝަންތަކެއްކަަމަށެވެ.

އައިލެންޑް އޭވިއޭޝަނުން އެކުންފުނީގެ ސީނިއާ މުވައްޒަފުންނާއި ބޯޑު މެންބަރުންނަށާއި އެނޫންވެސް ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކޮމިޓީން ފާސްކުރި ރިޕޯޓްގައި އެކުންފުނިން ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާއާއި 25،000 އާއި ދެމެދުގެ އަަދަދުތަކުން ބޮޑުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެގޮތުން އެކުންފުނީގެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރަމުން ގޮސްފައިވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާވަމުންދާ މިންވަރަށް ބަލައިގެންކަމަށް ނުބެލެވޭކަމާއި، ޖަނަވަރީ 2018އާ އަޅާބަލާއިރު ޖޫން 2019ގެ ނިޔަލަށް ކުންފުންޏަށް 169 (%15.7) މުވައްޒަފުން އިތުރުވެފައިވެފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އަދި 2018 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅާބަލާއިރު 2019ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ފްލައިޓް އޮޕަރޭޝަންގެ ޢަދަދު އިތުރުވެފައިވަނީ ހަމައެކަނި 19 ފްލައިޓް އޮޕަރޭޝަނުންކަމާއި، ކުންފުނީގެ ފްލައިޓްތަކުން އިތުރަށް ދަތުރުކޮށްފައިވަނީ 62 ފަސިންޖަރުންކަމަށްވެސް އައިލެންޑް އޭވިއޭޝަންގެ ހާލަތާއި ގުޅޭގޮތުން އެކުލަވާލާފައިވާ ރިޕޯޓްގައި ވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމެއްނެތި ޑިޕާޓްމަންޓްތަކުގެ ވެރިންގެ މުސާރަ ބޮޑުކޮށްފައިވަނީ ޖަނަވަރީ 2019 ގައިކަމާއި، ފަހުން ކުންފުންޏާއި އެ މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، 27 ޖޫން 2019 އިން ފެށިގެން ބޮޑުކުރި މުސާރަ ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުއްދަ ދެއްވާފައިވާކަމާއި، މިނިސްޓްރީގެ ހުއްދަ ހޯދުމެއްނެތި ބޮޑުކޮށްފައިވާ މުސާރަ އަނބުރާ ހޯދުމަށް މިނިސްޓްރީން އެކުންފުންޏަށް އަންގާފައިވާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން މެނޭޖިންގ ޑިރެކްޓަރގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ 19 ޖޫން 2017 ގައިކަމާއި، އަދި މި ބަދަލު ގެނެސްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލާ އެއްގޮތަށް މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މުސާރަ މުރާޖަޢާކުރުމަށް 18 ޖޫން 2010ގައި އެ މިނިސްޓްރީއިން ފޮނުވި ސިޓީއާ ގުޅިގެންކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މުސާރައަށް ގެނެސްފައިވާ ބަދަލުގެ ގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރައަށް 81950 ރުފިޔާއަށް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ 67630 ރުފިޔާއަށް އަރައެވެ.

ކުންފުންޏަށް ރަނގަޅުކުރުމަށް ކޮމިޓީން ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ކުންފުނިން އެކި ވިޔަފާރުތަކުން ލިބޭ އާމްދަނީއަށް ބަލާއިރު، ވަކި ވަކި ސެކްޓަރތަކުން ލިބޭ އާމްދަނީ ވަކިން ރިކޯޑްކޮށް ބެލެހެއްޓުމަށް، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލެވެންސެއް ބޯޑު މެންބަރުންނާއި، ސީނިއަރ މެނޭޖުމަންޓްގެ ބޭފުޅުންނާއި، އަދި ކުންފުނީގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ހަމަޖައްސައި ނުނެގުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އެންގުމަށް ރިޕޯޓްގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލެވެންސްއެއް ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ނަންގަވާފައިވާކަމަށް ފާހަގަކުރެވޭކަމަށާ، އިތުރަށް ނަންގަވާފައިވާ އެލަވަންސް ފައިސާއާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި، އެކަމާ ގުޅޭގޮތުން ނިންމި ގޮތެއްގެ ތަފްޞީލު ކޮމިޓީއަށް ފޮނުއްވުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އެންގުމަށްވެސް ރިޕޯޓްގައިވެއެވެ. އަދި އައިލެންޑް އޭވިއޭޝަން ސާރވިސްއަށް ޤައުމީ އެއަރލައިނެއްގެ ދަރަޖަ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް، މިހާރަށްވުރެ އިތުރަށް އެއްބާރުލުން ދެއްވުމަށް ސަރުކާރަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެންނެވުމަށްވެސްކޮމިޓީން ފާސްކުރި ރިޕޯޓްގައިވެއެވެ.