ޚަބަރު

ދައުލަތުގެ ދަރަނި 2012އިން 2018އަށް: 172 ބިލިޔަނަށްވުރެ މަތީގައި


ދައުލަތުގެ ދަރަނި، 2012އިން 2018އަށް 172 ބިލިޔަން ރުފިޔާއަނަށްވުރެ މައްޗަށް އަރާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަރަންޏާ ގުޅޭ ރިޕޯޓުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ ފިނޭންސް މިނިސްޓްރީން ދެއްވާފައިވާ މަޢުލޫމާތުގެމައްޗަށް ބިނާކޮށް މަޖިލީހުން އެކުލަވާލި ރިޕޯޓް މުޅި މަޖިލިސް ކޮމިޓީއަށް ހުށަހަޅުއްވައި މަޖިލީހުގައި ބަހުސް ކުރައްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ދަރަނި އިންތިހާއަށްބޮޑުވެ މިއަދު ދަރަނި އަދާކުރަން ޖެހިފައއިވަނީ 2012އިން 2018އަށް ދަރަނި ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުންކަމަށެވެ.

2012އިން 2018އަށް ނަގާފައިވާ ދަރަނީގެ ތަފްސީލް

  • ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަނި: 13،079،356.45
  • ބައިނަލް އަޤުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި: 12،943،170،194.76
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެނެރްޓީގެ ދަރަނި: 41،100،330،594.52
  • ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރިބިލްތައް: 5،418،217،200.28
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާރޑްރާފްޓްގެ އަދަދު: 78،759،180.74
  • އެމްއެމްއޭއިން ނަގާފައިވާ ލޯނާއި، ގަނެފައިވާ ބޮންޑާއި، އަދި ޓްރެޝަރީ ބިލް: 7،410،091،183.32
  • ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑް: 91،989،000،000.00
  • ދައުލަތުގެ ޖުމްލަ ދަރަނި: 172،019،077،710.06

ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަކަށް އޮޑިޓް އޮފީހުން ހެދި 2018ވަނަ އަހަރުގެ ދައުލަތުގެ ދަރަންޏާގުޅޭ އޮޑިޓް ރިޕޯޓްގައިވަނީ ދައުލަތުގެ ދަރަނި ހުންނަންޖެހޭނީ ޖީޑީޕީއާ އަޅާބަލާއިރު %60އިން ދަށުގައިކަމަށެވެ. ނަމަވެސް އެނިސްބަތް 2014ވަނަ އަހަރު %57ގައި ހުރުމަށްފަހު އިތުރުވާން ފަށާފައިވާކަމަށާ، 2015ވަނަ އަހަރު ޖީޑީޕީއާ އަޅާބަލާއިރު ދަރަނިހުރީ %56ގައި ކަމަށެވެ. އަދި 2016ވަނަ އަހަރު އެޢަދަދު %64އަށް އިތުރުވިކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. 2018ވަނަ އަހަރު އެނިސްބަތް %71އަށް އިތުރުވެގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ދަރަނި ބޮޑަށް އިތުރުވެގެން ދިޔަ ސަަބަބެއްކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މަޖިލީހުން ފާސްކުރާ މިންވަރަށްވުރެ ބަޖެޓް ޑެފިސިޓް އެއަހަރުތަކުގައި އިތުރުވެގެން ދިއުމެވެ. އެގޮތުން ދަރަނި މެނޭޖު ނުކުރެވި އިތުރުވަމުން ގޮސްފައިވާއިރު، 2014ވަނަ އަހަރު ފިޔަވައި ހުރިހާ އަހަރަކު ފާސްކުރި ބަޖެޓަށްވުރެ ދަރަނި އިތުރުވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.