މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި މާލޭގައި ޕާކުކުރެވޭނެ 7 ޢިމާރާތް ޢެޅުމަށް ހަމަޖެހިފައިވާކަމަށާއި، މިއަހަރު ތެރޭގައި 4 ބުރީގެ ޢިމާރާތެއް އަޅާނެކަމަށް މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރެ ޤާނޫނަށް ހުށައަޅަފައިވާ އިޞްލާހާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ޓްރާންސްޕޯޓް މިނިސްޓްރީ ޙާޒިރުކުރުމުން މާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްަތްތަކާއި ގުޅޭގޮތުން މެމްބަރުން ވަޖީ ސުވާލު ކުރައްވާފައެވެ.
އެސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މާލޭގަި މަލްޓިސްޓޯރީ ބިލްޑިންގ ތަކެއް ނުވަތަ ޢިމާރަތްތަކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެގޮތުން އެކަމުގެ މަޝްވަރާތައް ޕްލޭނިންގ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި އެކު ކުރިއަށްދާކަމަށެވެ.
ޝިމާޒް ވިދާޅުވީ މާލޭގެ 2 ސަރަޙައްދެގައި ޕާކިން ޢިމާރަތްތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން މިއަހަރު ހީނާމާގޭ ގައި ފުރަތަމަ ޢިމާރާތް މިއަހަރު ޢަލާނެކަމަށް ޝިމާޒް ވިދާޅުވިއެވެ. އަދި މުޅި މަޝްރޫޢުގެ ދަށުން މާލޭގެ 7 ސަރަޙައްދެގައި ޕާކުކުރެވޭނެ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާކަން ޝިމާޒް ފާހަގަކުރެއްވިއެވެ.
"ޕްލޭނިން މިނިްޓްރީން މިވަގުތު އިކޮނޮމިކް މިނިސްޓްރިއާއި މަޝްވަރާކޮށްގެން މާލޭގެ 2 ސަރަހައްދެއްގައި މަލްޓިސްޓޯރީ ބިލްޑިން ތަކެއް އެޅުމުގެ މަސައްކަތް އެބަދޭ. މަޢުލޫމާތު ލިބިފައިވާގޮތުން ވެއްޖާ މިއަހަރު ހީނާމާގޭގައި 4 ބުރީގެ ޕާކިން ބިލްޑިންއެއް އެޅިގެންދާނެ. އެޕްރޮޖެކްޓް ކުރިއަށް އެބަދޭ. މާލޭގެ 7 ސަރަހައްދެއގައި މަލްޓިސްޓޯރީ ބިލްޑިންތަކެއް އެޅިގެންދާނެ." ޝިމާޒް ވިދާޅުވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޕާކް ކުރުމަށްޓަކައި އެކާވީސް ސަރަޙައްދެއްގައި ޕާކިންގ ބިލްޑިންގ އެޅުމަށް ކަނޑައަޅާފައިވާކަމަށް މާލެސިޓީ ކައުންސިލުން ކުރިން ވަނީ ވިދާޅުވެފައެވެ. މާލެއަށް އެތެރެކުރާ ވެހިކަލްތަކުގެ މިންވަރާ އަޅާބަލާއިރު އެކަށީގެންވާ މިންވަރަށް ޕާކްކުރާނެ ޖާގައެއް މިހާތަނަށް ހަދާފައެއް ނެތެވެ. އަދި މިކަމުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.
މިގޮތުން ޕާކިން ބިލްޑިންގތަކާއި ޕާކިން ޒޯންތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ މަގުތައް ތަރައްޤީކޮށް ނިމޭއިރު 121 މަގުގެ %30ގައި ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން އެތަންތަނުގައި 3700 ސައިކަލާއި 350 ކާރު ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދަޅުވެއެވެ. މީގެ އިތުރުން ޕިކަޕް ލޮރީ ފަދަ 100 އުޅަނދަށް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މާލޭގައި މިހާރުވެސް ވަނީ ޕަކް ކުރެވޭނެ ސަރަހައްދުތައް ހަދާފައެވެ. މިގޮތުން މިހާރު ހުރި 22 ސަރަޙައްދެއްގައި 3760 ސައިކަލާއި 150 ކާރު އަދި 25 ލޮރީ ޕާކު ކުރެވެއެވެ. މިހާރު ހަދަމުންދާ ތަންތަނާއި ހަދާފައިވާ ޕާކިން ޒޯންތަކުގެ ސަބަބުން މާލޭގެ ބައެއް ބޮޑެތި މަގުތަކަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވަނީ ލިބިފައެވެ.