މާލޭގެ މަގުމަތިން ޕާކިން ސްލޮޓް ދޫކޮށް އެތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމެއް އަންނަ އަހަރުން ފެށިގެން ހަމަޖެހިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ދިރާސާކުރުމުގެ މަސައްކަތްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ހާޒިރުކުރި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، ގަރާޖުތަކަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް އެމިނިސްޓްރީން ކުރަމުން އަންނަކަމަށެވެ.
މާލޭގައި ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީކުރުމުގައި ކުރިން ނުރަނގަޅު ކަންކަން ހިނގާފައިވާކަން ފާހަގަކުރައްވާ ޝިމާޒް ވިދާޅުވީ އެކަން އިސްލާހުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން, މާލެ ސިޓީކައުންސިލުން ގަރާޖެއް ރަޖިސްޓްރިކުރުމަށްފަހު އެތަނަށް ހުއްދަދިނުމުން އެއީ ރަނގަޅުތަނެއްތޯ މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު ވެހިކަލަށް ހުއްދަދެމުން އަންނަކަމަށެވެ.
ސަރުކާރުގެ މިހާރު ސިޔާސަތަކީ ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގައި އެކަމުން ދައުލަތަށް އާމްދަނީއެއް ލިބޭނެގޮތެއް ހެދުންކަން އޭނާ ފާހަގަކުރެއްވިއެވެ. ޝިމާޒް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލޭގައި ޚާއްޞަ ސަރަހައްދުތަކެއް ކަނޑައަޅަ އެތަންތަނަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އެގޮތުންމާލޭގައި އުޅަނދު ރަޖިސްޓްރީކޮށްދޭނެ ވަކި ޚާއްޞަ ސަރަހައްދުތަކެއް ކަނޑައެޅިފައިވާކަން ޝިމާޒް ފާހަގަކުރެއްވިއެވެ.
"މާލޭގެ ވަކި ސަރަހައްދުތަކެއް މިވަގުތުވެސް އެބަހުރި އައިޑެންޓިފައި ކުރެވިފަ ރަޖިސްޓްރީކޮށްދެވޭނެ. އަންނަ އަހަރު ޖެނުއަރީ މަސްތެރޭގައި ފެށުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން މިދަނީ ޕްލޭނިން މިނިސްޓްރީގެ މަޝްވަރާގެ މަތިން. އެތަންތަނުން ޕާކިން ސްލޮޓްތަކެއް މިދޫކުރަނީ އެތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭގޮތަށް. އެހެންވީމަ އެ އިސްލާހު އެގޮތަށް އައީމަ ހީވަނީ ރަޖިސްޓްރީކުރުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް." އޭނާ ވިދާޅުވިއެވެ.
ވެހިކަލް ރަޖިސްޓްރީކުރުމުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ޓްރެފިކް ޕޮލިސް ހިންގެވުމާއި ހަވާލުވެހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، މާލޭގެ ރަށްވެހިން ނޫން ފަރާތްތައް ނުވަތަ އަތޮޅުތަކުން މާލެ އައިސް ދިރިއުޅޭ މީހުންނަށްވެސް މާލޭގެ މަގުމަތީގައި އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އިޞްލާހު ގެނެވޭނެކަމަށެވެ.
އަދި މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެގޮތަށް މަގުމަތީގެ ސްލޮޓްތަކަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމުކަން ސަމީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މާލޭގައި އުޅަނދު ރަޖިސްޓްރީކުރުމަށް ސްލޮޓް ދޫކުރެވިދާނެ ބައެއް ސަރަހައްދުތައް ކަނޑައެޅިފައި ވާކަމަށާއި، އެގޮތުން ބުރުޒު މަގުން ދެކުނުގައި ޕާކް ކުރެވޭނެ ތަންތަން މިހާރު ދެނެގަނެވިފައިވާކަމަށެވެ. އޭގެތެރޭގައި 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށް ޕާކު ކުރެވޭނެ 311 ތަނަކާއި ސައިކަލު ޕާކުކުރެވޭނެޕާކުކުރެވޭނެ 11 ހާސް ތަނެއް މިހާރު ފާހަގަކޮށްފައިވާކަމަށެވެ.
މިބައްދަލުވުމުގައި ވަނީ ރަޖިސްޓްރީކޮށްގެން ޕާކްކުރެވޭނެ ތަންތަން ކަނޑައެޅުމުން ފީ ނުދައްކާ މައްސަލައަށް ޙާއްލެއް ގެނައުމަށްވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ސަމީރު ވިދާޅުވީ، ސްލޮޓްތަކަށް ރަޖިސްޓްރީ ފީ ނުދައްކައިފިނަމަ އެއުޅަނދެއް ޓޯވކުރުމާއި ނުވަތަ އަޅާނެ އެހެން ފިޔަވަޅެއްވެސް ކަނޑައެޅުން މުހިންމުކަމަށެވެ.
"ގެއެއްގަ އެމީހެއްގެ އަމިއްލަ ގަރާޖެއް ނެތް ހާލަތެއްގައި އުޅަނދެއް ބޭނުންކުރަން ވެއްޖެކަމަށްވާނަމަ މަގުމަތިން ސިޓީ ކައުންސިލުން ދައްކާ ސްލޮޓަކުން އެމީހެއްގެ އުޅަނދު ރަޖިސްޓްރީވެގެން ދިއުމަކީ މިކަންކަމަށް ފަސޭހަވެގެންދާނެކަމެއް. އެއެޅަނދެއް ފައިސާ ނުދައްކާތާ 6 މަސް ވެއްޖެނަމަ ޓޯވ ކުރުމާއި ނޫނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން. ފައިސާ ނުދައްކާފިއްޔާ ހަދާނެގޮތެއް އިތުރު ގޮތެއް ކަނޑައެޅުން ވަރަށް މުހިންމު. ހައްލެއް ވަރަށް މުހިންމު ގަރާޖެއް ނުވަތަ ބަންޑަރ މަގެއް ނުވަތަ ގެއެއްގަ ރަޖިސްޓްރީވެގްން ވިޔަސް." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވާ ގޮތުގައި އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލައަކީ މާލޭގައި ވަރަށްބޮޑަށް ދިމާވި މައްސަލައެއް ކަމަށެވެ. އަދި އެއް ގަރާޖަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ މައްސަލަތަަކެއްވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެފަދަކަންކަން މިހާރު ހުއްޓުވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.