ޚަބަރު

ޢާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި


  • ރާއްޖޭގެ ފަރާތުން ނައިބު ރައީސް ރަސްމީ ބަޔާން އިއްވަވާނެ

  • ގިނަ ޤައުމުތައް ގުޅިގެން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ

  • ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މިމަހުގެ 26ގައި

އދ. ގެ އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެ ވަޑައިގެންފިއެވެ.

ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގެ ޖެނެރަލް އެސެމްބްލީ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ރާއްޖެ ތަމްސީލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފައިވާއިރު، މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ޙަފްލާތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން، ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި، ގިނަ ޤައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައެވެ.

އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި މިހާތަނަށް އެމަނިކުފާޏު ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ވެސް ބައްދަލުކުރައްވާފައެވެ.