ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ސައުދީ އަރަބިއްޔާއަކީ މުހިންމު ޙިއްސާއެއް އަދާކުރާ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96ވަނަ ޤައުމީ ދުވާހާ ގުޅުވައިގެން ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ސަޢުދީޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ޝާހީ އާއިލާ އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ސައުދީއާ ދެމެދު އޮތީ އެތަށް ސަތޭކަ އަހަރުވީ ގުޅުމެއްކަމަށާއި އެއީ ދެ ޤައުމުގެ އިސްލާމީ ވަހުދަތާ ގުޅިލާމެހިފަވާ ގުޅުމެއްކަމަށެވެ. ސައުދީން ރާއްޖެއަށް ވެދެމުންދާ އެންމެހާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސައުދީން ވެދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގުޅުން ދަމަހައްޓާ، އަދި ދެ ޤައުމުގެ ރަޙުމަތްތެރިކަމާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މި މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީ އަރަބިއްޔާއަށް ހަމަޖެހުމާއި ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ސައުދީއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި އެކި ރޮނގުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ.
އެގޮތުން ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމުގައި ދޭ ފުރުޞަތުތަކާއި، ދީނީ ދާއިރާތަކުން އުނގެނި ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިންވެސް ބޮޑެތި އެހީތެރިކަން އަންނަނީ ދެމުންނެވެ. އަދި ރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ކުރިއެރުމަށް ހިންގާ ބޮޑެތި މަޝްރޫޢުތަކަށް ސައުދީގެ އެހީތެރިކަމާއެކު މާލީ އެހީ އަންނަނީ ފޯރުކޮށްދެމުންނެވެ.