މާލޭގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލު ދިޜާސާކުރައްވަމުން ގެންދަވާ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މިހާރު ޤާނޫނު އޮންނަ ގޮތުން ގިނަދުވަސްވެފައިވާ އުޅަނދުތައް ނައްތާލުމަށް ތަންނުދޭކަމަށައި، ނަމަވެސް ޤާނޫނަށް ގެންނަ އިޞްލާހުން އެކަމަށް ހައްލެއް ލިބޭނެކަމަށެވެ.
ޝިމާޒް ވިދާޅުވީ މާލޭގައި ހަތަރު ފުރޮޅުލީ ހަތް ހާހަށްވުރެ ގިނަ އުޅަނދު އެބައޮތްކަމަށެވެ. އޭގެތެރޭގައި ޕިކަޕާއި ޖިޕާއި ކާރު ހިމެނޭއިރު ވެހިކަލް އެތެރެކުރެވޭނެ ލިމިޓެއް ކަނޑައަޅައިފިނަމަ އަންނަ އަހަރުވެސް އުޅަނދެއް އެތެރެނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވެހިކަލްތަކުގެ ޢުމުރު ކަނޑައަޅައި ނައްތާލުމުގެ މަސައްކަތް ފަށައިފިނަމަ އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އެގޮތުން 20 ނުވަތަ 30 އަހަރުވެފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެކަމަށް ޝިމާޒް ވިދާޅުވިއެވެ. .އޭނާ ވިދާޅުވީ އެމިންގަނޑުން ބަލައިފިނަމަ 100 އަށްވުރެ ގިނަ ޓެކްސީވެސް ނައްތާލަން ޖެހޭކަމަށެވެ. ނަމަވެސް އެއީ ވަރަށް ގިނަ ބައެއްގެ އާމްދަނީ އާއި ގުޅިފައިވާ ކަމަކަށްވާތީ ލޯނު ސްކީމެއްގެ ދަށުން ޓެކްސީ ގަންނަން ދޫކުރާނެ ލޯން ސްކީމެއްވެސް އަންނަ އަހަރު ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ޝިމާޒް ވިދާޅުވިއެވެ.
"20 އަހަރަށް ނުވަތަ 30 ވެފައިވާ ވެހިކަލް ނައްތާލުމުގެ ޕްރޮޖެކްޓް އަންނަ އަހަރު ފަށަން އެބަ ފުލުހުނާއެކު ގުޅިގެން. އޭގެތެރޭގައި ގާތްގަނޑަކަށް 100 ކޮންމެސްވަރަކަށް ޓެކްސީވެސް މިހާރު އޭގެތެރޭގައި ޢުމުރު ހަމަވެފައިވޭ .އެހެންވީމަ އެއެއްޗެހި ނައްތާލާފަ ކުރިއަށްދާއިރު ހައްލެއްލިބޭނެ. ވަރަށް ގިނަ ބައެއްގެ އާމްދަނީގެ ވާހަކަ މިދައްކަނީ. ޓެކްސީ ނައްތާލުން. އެކަމަށް މަޝްވަރާކުރެވި އިކޮނޮމިކް މިނސިްޓްރީއާއެކު ޓެކްސީ ޑްރައިވަރުންނަށް ލޯން ސްކީމެއްގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ޓެކްސީ ދޫކުރުންވެސް އަންނަ އަހަރު ތެރޭ ކުރިއަށްދާނެ." ޝިމާޒް ވިދާޅުވިއެވެ.
ޝިމާޒް ވިދާޅުވީ އެތެރެކުރުމަށް ހުއްދަ ދޫކުރެވޭނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށާއި، އެގޮތުން މާލޭގެ މަގުތަކުގެ ސައިޒަށާއި ޕާކިން ކެޕޭސިޓިއަށް ބެލުމަށްފަހު ވެހިކަލް އެތެރެކުރެވޭނެ އުސޫލެއް ޤާއިމްކުރުމުގެ ވިސްނުން މިނިސްޓްރީގެ ހުރިކަމަށެވެ. މާލެސަރަހައްދާއި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މާލޭގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން އެކި މައްސަލަތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. ޚާއްޞަކޮށް ގިނަ ދުވަސްވީ އުޅަނދުތައް ގިނަވުމުގެ ސަބަބުން ތަފާތު އެކި ހާދިސާތައްވެސް ހިނގަމުންދެއެވެ.